އިންޑިއާގެ ޓްރައިބަލް ގްރޫޕްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި، މެއި މަހުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މަނިޕޫރުގައި މިހާތަނަށް 150 މީހުން ވަނީ މަރުވެފައެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އިންޑިއާގެ އެހެން ސަރަހައްދުތަކުގެ ސިފައިން މަނިޕޫރަށް ފޮނުވިތާ އެތައް މަސްތަކެއް ފާއިތުވެގެން ދިޔަ އިރުވެސް، މަނިޕޫރުގެ ގިނަ ސަރަހައްދުތަކުގައި އަދިވެސް ކާފިއު އިއުލާނުކޮށް އިންޓަނެޓުގެ ހިދުމަތް ވަނީ ކަނޑާލާފައެވެ.
ހަމަނުޖެހުންތައް ފެށުނުއިރު އެތައް ހާސް ހަތިޔާރުތަކެއް ވަގަށް ނަގާފައިވާއިރު، އެ ސްޓޭޓްގެ ނަސްލީ ބައިބައިވުމުގެ ދެފަރާތުގައި ތިބި ޖަމާއަތްތަކުން ދަނީ ދިގު ހަނގުރާމައަކަށް ތައްޔާރު ވަމުންނެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވަނީ މި ހަފުތާގައި މަޖިލީހަށް ހުށަހަޅާފައެވެ. އެ މަައްސަލައިގެ ބަހުސް ކުރިއަށް ދާއިރު އިއްޔެ ވަނީ މޯދީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ.
ހަމަނުޖެހުންތައް އުފެދިފައިވަނީ މަނިޕޫރުގެ މެއިޓެއި މެޖޯރިޓީ އާއި އެ ސްޓޭޓުގެ އާބާދީގެ ގާތްގަނޑަކަށް 16 ޕަސެންޓް ހިއްސާކުރާ ކުކީ-ޒޯ އާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.
ޒަމާނުއްސުރެ ދެ މުޖުތަމައުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން، ބިމާއި ވަޒީފާތަކުގެ ވާދަވެރިކަމުގެ ވަށައިގެން ހިނގަމުން އަންނައިރު، ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ނަސްލީ ބައިބައިވުންތައް އިތުރުކުރަމުން ދަނީ އެ ސިޓީތަކުގެ ލީޑަރުންނެވެ.
މެއި މަހުގެ ތެރޭގައި ދެބައި މީހުންގެ ދެމެދުގައި ހަމަނުޖެހުންތައް ފެށުނީ މެއިޓެއި އަކީ ޝެޑިއުލް ޓްރައިބް (އެސްޓީ) އެއްގެ ގޮތުގައި ބަލައިގަތުމުގެ ވިސްނުމާ ގުޅިގެންނެވެ.
އެސްޓީ ލަގަބުގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކާއި ކޮލެޖުތަކަށް ވަނުމަށް ދީފައިވާ ކޯޓާގެ ތެރެއިން މެއިޓެއިސް އަށް ފުރުސަތު ލިބިގެންދާނެއެވެ. މިކަމާ ގުޅިގެން ކުކީ-ޒޯ ގްރޫޕްތަކުން މުޒާހަރާކުރީ އެ ރޭވުންތަކުގެ ސަބަބުން އެ މީހުންގެ ހައްގުތައް ކުޑަވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. މުޒާހަރާގެ ބައިވެރިން ވެހިކަލްތަކާއި އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައި ވާއިރު، ހަތިޔާރާއި ޕެޓްރޯލް ހިފައިގެން ތިބި މެއިޓެއި މީހުން ވަނީ ފަރުބަދަތަކުގެ ކުކީ-ޒޯ އާބާދީތަކަށް ހަމަލާދީފައެވެ.
އޭގެ ފަހުން ވީ ކިހިނެއް؟
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީން ބުނީ މި ހަމަނުޖެހުންތައް ފެށުނުއިރު ބަޔަކު ވަނީ ފުލުހުންގެ މަރުކަޒުތައް ލޫޓުވާލައި، 3،000 ހަތިޔާރު ފޭރިގެންފައެވެ.
މަނިޕޫރުގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 150 މީހުން މަރުވެފައި ވާއިރު، މަނިޕޫރުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ އަދަދު އެއަށްވުރެ ވެސް ގިނަވެދާނެއެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ރިލީފް ސެންޓަރުތަކުގައި ނުވަތަ ކައިރި ސްޓޭޓްތަކުން ހިމާޔަތް ހޯދުމަށް 60،000 އެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ބަދަލުހިފުމުގެ ހަމަލާތަކުގައި ގެތަކާއި އަޅުކަންކުރާ ތަންތަނުގައި އަންނަނީ އަލިފާން ރޯކުރަމުންނެވެ.
އިންޑިއާ ޓުޑޭ ނިއުސް މަޖައްލާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖުލައި މަސް ނިމުނުއިރު 220 އަށް ވުރެ ގިނަ ޗާޗާއި ހިންދޫންގެ 17 ފައްޅިއެއްގައި ވަނީ ރޯކޮށްލާފައެވެ.
އެންމެ ފަހުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ކުކީ-ޒޯގެ މެދުގައި ވަކި ދައުލަތެއްގެ ވެރިކަމެއް ދިނުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ނަމަވެސް މެއިޓެއި އިން ވަނީ މިކަމަށް ނުރުހުން ފާޅުކޮށްފައެވެ.
އިންޑިއާގައި އެންމެ ފަހުން 2011 ވަނަ އަހަރު ހެދި ބޯހިމެނުމުގެ ހިސާބުތަކުން ދައްކާގޮތުން، މެއިޓެއި އަކީ އެ ސްޓޭޓްގެ 2.8 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ހިއްސާވާ ބައެކެވެ.
ސަރުކާރުން އެކަމަށް އިޖާބަ ދިނީ ކިހިނެއް؟
ހަމަނުޖެހުންތައް ފެށުނު އިރު ފެޑެރަލް ސަރުކާރުން އެހެން ހިސާބުތަކުގެ ސިފައިން ގެނެސް، ކާފިއު އިއުލާނުކޮށް އިންޓަނެޓު ކަނޑާލިނަމަވެސް ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު މިދިޔަ ޖޫން މަހު ވަނީ މަނިޕޫރުގެ ވެރިރަށަށް ވަޑައިގެން، ހަމަނުޖެހުންތަކުގައި ޕޮލިސް ސްޓޭޝަންތަކުން ފޭރިގަނެފައިވާ ހަތިޔާރު އަނބުރާ ދިނުމަށް ގޮވާލާފައެވެ.
އަދި ހަމަނުޖެހުންތަކުގެ އިންސާފުވެރި ތަހުގީގެއް ހިންގާނެ ކަމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.
ހަމަނުޖެހުންތައް ފެށުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އެ ހަމަނުޖެހުންތަކުގެ ވާހަކަ ނުދެއްކުމުން އިދިކޮޅު ފަރާތްތަކުން މޯދީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އޭނާ ހިމޭންކަން މުގުރާލީ މިދިޔަ ޖުލައި މަހު ކުކީ-ޒޯގެ ދެ އަންހެނަކު ގަންހިންގުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އޭނާ ވަނީ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.