މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު އަމީން ހަމަޖައްސައިފިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް އަމީން ހަމަޖެއްސިއިރު ޑެޕިއުޓީ މެނޭޖަރަކީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އެސިސްޓޭންޓް ކެމްޕެއިން މެނޭޖާރަކަށް ހަމަޖައްސާފައި ވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދުއެވެ.

ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާއިރު ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ވެސް ކަނޑައަޅާފައި ވަނީ ހަމަ އެ 3 ބޭފުޅުންނެވެ.

ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އީސީއިން ނިންމާފައި ވަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ. އީސީގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސްޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައެވެ.

އެއާއެކު "ބެކަޕް" ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ރިޔާސީ ޓީކެޓް މުއިއްޒު ކާމިޔާބު ކުރައްވާފައި ވަނީ އާދަމް ޝަރީފާ ވާދަކުރައްވައި 2 ވޯޓުގެ ތަފާތުންނެވެ. މުއިއްޒުއަށް 25 ވޯޓު ލިބިވަޑައިގެންފައި ވާއިރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މުއިއްޒުގެ ރަނިންމޭޓަކަށް ކަނޑައަޅާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.