މިރޭ ލޯންޗުކުރެވިގެން ދިޔަ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ތަންފީޒުކުރެވިއްޖިއްޔާ ރާއްޖޭގެ ރައްޔިތުން ހުންނާނީ އުފަލުން ފޮޅިފައި ކަމަށާއި، މި މެނިފެސްޓޯގެ ސަބަބުން ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީގެ ފަރާތުން މިރޭ ދީފިއެވެ.

އަންނަ މަހު ބާއްވާ މައި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެނިފެސްޓޯ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖިހާދު ވިދާޅުވީ:

  • މެނިފެސްޓޯ އެކުލަވާލުމަށްޓަކައި ތިން މަސް ދުވަސް ހޭދަވެގެން ދިޔަ ކަމަށް
  • 80 ބައްދަލުވުމެއް ބޭއްވި، 200 އަށް ވުރެ ގިނަ މީހުންނާ މަޝްވަރާކުރެވުނު ކަމަށް

މެނިފެސްޓޯ އެކުލަވާލި ގޮތުގެ ކުޑަ ތަފްސީލެއް ދެއްވަމުން ޖިހާދު ވިދާޅުވީ، މެނިފެސްޓޯ އެކުލަވާލުމުގެ ކުރިން ފުރަތަމަ ކުރި ކަމަކީ ރާއްޖެ އަށް ދިމާވެފައި ހުރި މައްސަލަތައް ދެނެގަތުން ކަމަށާއި، ކަމާބެހޭ އެކި ފަރާތްތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ހިމެނޭހެން އެކި ފަރާތްތަކާ ވާހަކަ ދެކެވި މަޝްވަރާކުރެވުނު ކަމަށެވެ.

ގާސިމްގެ މެނިފެސްޓޯގެ ބައެއް ބައިތަކަށް އަލިއަޅުވާލައްވައި ޖިހާދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރާނެ ގޮތާއި، އިގްތިސޯދު މެކުހަށް ޖަހައި، ކުދި ފަންތި އާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ސިނާއަތަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަ މެނިފެސްޓޯގައި ތަފްސީލުކޮށް ހިމަނާފައިވާނެއެވެ.

"މި މެނިފެސްޓޯ އަކީ ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނެވޭނެ މެނިފެސްޓޯއެކޭ، މި މެނިފެސްޓޯ ތަންފީޒުކުރެވިއްޖިއްޔާ ރާއްޖޭގެ ރައްޔިތުން ތިބޭނީ އުފަލުން ފޮޅިފަ،"
ޑރ. އަބްދުالله ޖިހާދު | ޖޭޕީގެ މެނިފެސްޓޯ ކޮމިޓީގެ ޗެއާ

މި ޖަލްސާގައި ގާސިމަށް ފުރުސަތު ދެއްވުމުގެ ކުރިން، ޖަލްސާ ހުށަހެޅުއްވި ގާސިމްގެ އިންތިހާބީ އޭޖެންޓު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ މެނިފެސްޓޯގެ ވާހަކަ ކޮންމެވެސް ވަރަކަށް ދައްކަވައިފައެވެ.

"މިއީ ރަށެއްގެ މަސް ހިއްކަން އިންނަ ހަލީމާ ދައިތަ، އޭނާގެ ދަރިފުޅު ކިޔަވަން ގޮސް ނުދެއްކި އޮތް ލޯނާ ދޭތެރޭގަ ޝިކާޔަތު އަންނާނެ މެނިފެސްޓޯ، މިއީ ދިވެހިރާއްޖޭގެ އަސްދަނޑީގެ އޮތް މިނިވަންކަމާ ދޭތެރޭ ފިކުރުކުރަން ހުންނަ ހުވަދޫ އަތޮޅު މަސް ދޯނީގައި ފުރައިގެން ދާ ހުސައިންފުޅުގެ ފިކުރުތަކާ ގުޅިފައިވާ މެނިފެސްޓޯ، މިއީ ތިމާގެ ދަރިފުޅު ކިޑްނީ ބަލީގަ، ނުވަތަ ކެންސަރު ޖެހިގެން ސޯޝަލް މީޑިއާގަ ޕޯސްޓުތައް ލައިގެން ސަލާން ޖެހުން ނިންމާލާނެ މެނިފެސްޓޯ،"
އަލީ ވަހީދު | ގާސިމްގެ އިންތިހާބީ އޭޖެންޓު

80 ގެ އަހަރުތަކުން ފެށިގެން ރާއްޖެ އަށް ގާސިމް ހިދުމަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، މި މެނިފެސްޓޯ އަކީ އެ މުއްދަތުގައި ރާއްޖެ އަށް އެކި "ކަންކަން ކޮށްދީފަ ހުރި ވެރިޔާ"ގެ މެނިފެސްޓޯ ކަމަށެވެ.

ގާސިމްގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ބައެއް ވައުދުތައް:

  • ފަނޑިޔާރުންގެ މުސާރަ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ މިހާރަށް ވުރެ 75 ޕަސެންޓު ބޮޑުކުރާނަން
  • ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ 35 ޕަސެންޓު ކުރިއެރުން ދޭނަން
  • ތަމްރީނުތައް ދީ ކޯޓުތަކުގެ ވަސީލަތްތައް ހަމަކޮށްދޭނަން
  • ޖާގައިގެ ދަތިކަން ދިމާވެފައިވާ ކޯޓުތަކަށް، ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އާ އިމާރާތްތައް ހަދާނަން
  • ކޮންމެ މިސްކިތަކަށް ދެ އިމާމުން ކަނޑައަޅައި، މުސާރަ އަށް 25 ޕަސެންޓުގެ ކުރިއެރުން ދޭނަން

މިރޭ ލޯންޗުކުރި ގާސިމްގެ މެނިފެސްޓޯ ނުވަ ބަޔަކަށް ބަހާލައި، ކޮންމެ ބައެއްގެ ދަށުން 28 ސަބް ކެޓަގަރީ ހިމަނާފައިވެއެވެ. މިގޮތުން އެ މެނިފެސްޓޯގައި ހިމެނޭ ނުވަ ބަޔަކީ:

  • ދީނާއި މިނިވަންކަން ހިމާޔަތްކުރުމާއި ހާރިޖީ ގުޅުންތަކުގެ ބަދަހިކަން
  • އަދުލު އިންސާފާއި ރައްކާތެރިކަން
  • ދަރަނިން ނެއްޓި އިގްތިސޯދީ ދުވެލި މެކުހަށް
  • ތަރައްގީގެ ފޮނި މީރުކަން ރާއްޖޭގެ ހުރިހާ ހިސާބަކަށް
  • ސިނާއަތްތަކާއި ވިޔަފާރީގެ ނަފާ ފަރުދުންގެ ޖީބުތަކަށް
  • ކަށަވަރު ބޯހިޔާވަހިކަމާއި "ސްމާޓް" ރާއްޖެ
  • ސިއްހީ ފަރުވާ އާއި އޯގާތެރިކަން
  • ފެންވަރު ރަނގަޅު ތައުލީމުގެ ހިތްހަމަޖެހުން
  • އަންހެނުންނާއި ޒުވާނުންނާއި އިސް ރަށްވެހިންގެ އުފާވެރިކަން

ގާސިމްގެ މެނިފެސްޓޯ ޖުމްހޫރީ ޕާޓީގެ ވެބްސައިޓުން މިހާރު ފެންނާނެއެވެ.