އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ވެވަޑައިގަތަސް އަދި ކާމިޔާބު ވެވަޑައިނުގަތަސް، ވިލާ ފައުންޑޭޝަންގެ "ސްކޮލަޝިޕް ސްކީމްގެ" ދަށުންނާއި ގާސިމްގެ ލޯނުގެ އެހީގެ ދަށުން ކިޔަވާފައިވާ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ކިޔަވަމުންދާ ކޯސް ނިމެންދެން ދީފައިވާ ހުރިހާ ލޯނެއް މައާފް ކޮށްދެއްވަން ނިންމަވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފި ނަމަ ހިލޭ ކިޔަވައިދޭނެ ކަމަށް ވިދާޅުވެފައިވާ އިރު، އޭނާ ދެއްވާ ލޯނެއްގެ އެހީގައި ދަރިވަރުން ކިޔަވަމުން ދިއުމަކީ އޭނާ ގަބޫލު ކުރައްވަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އޭނާ ދާ އޮހޮރުވައިގެން ހޯއްދަވާފައިވާ އެތައް ފައިސާ އަކުން ވަނީ 8000 އެއްހާ ދަރިވަރުންނަށް ކިޔެވުމަށް ފުރުސަތު ހޯއްދަވައި ދެއްވުމަށް އެހީތެރިކަން ފޯރުކޮށް ދެއްވާފައި ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ ދިވެހި ދަރިވަރުން ތަކަކަށް ކިޔެވުމަށް ލޯނު ފޯރުކޮށްދޭ ގާސިމް ވިދާޅުވީ، މިރޭ އެހިސާބު ސީދާ އަދަދުން އަދަދަށް ދަންނަވަން އެނގިވަޑައިނުގެންނެވި ނަމަވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ހަރަދުކުރއްވާފައި ވާނެ ކަމަށެވެ. އެ ހުރިހާ ކުދިންނަށް އެހުރިހާ ފައިސާއެއް މިރޭ މައާފް ކޮށްދެއްވާ ކަމަށާއި އެއިން އެއްވެސް ކުއްޖަކު ބޮޑު ލާރިއެއް ވެސް ދައްކާނެ ކަމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ނިންމެވުމަކީ އޭނާއަށް ވެރިކަން ލިބިވަޑައިގަތަސް ލިބިވަޑައިނުގަތަސް ބަދަލުވާނެ ނިންމުމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ މީގެ ކުރިންވެސް އޭނާގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ލޯން މައާފް ކޮށް ދެއްވާފައެވެ. އެގޮތުން ކޮވިޑްގެ ދަތި ދުވަސްވަރު ކިޔަވާ ލޯން މައާފް ކޮށްދެއްވާފައި ވަނީ ވިލާ ފައުންޑޭޝަންގެ "ސްކޮލަޝިޕް ސްކީމްގެ" ދަށުންނާއި ގާސިމްގެ ލޯނުގެ އެހީގެ ދަށުން ސިއްހީ ދާއިރާއިން ކިޔެވި ދަރިވަރުން ދައްކަން ޖެހޭ ލޯނެވެ.
މިރޭ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ޝަރުއީ ދާއިރާ ރަނގަޅު ކުރުމަށް ވެސް ގިން ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭނާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ވާއިރު ފަނޑިޔާރުންގެ މުސާރަ މިހާރު އޮތް ވަރަށް ވުރެ 75 ޕަސެންޓް އިތުރު ކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭގެ އިތުރުން ޝަރުއީ ދާއިރާގެ މުއައްޒަފުން ތަމްރީން ކުރުމަށްޓަކައި ވަސީލަތްތައް އިތުރު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ މުއައްޒަފުންނަށް ވެސް 35 ޕަސެންޓް މުސާރައިގެ ކުރިއެރުމެއް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.