ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި 3 އަހަރަށް ޖަލަށްލާން ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުރި ހުކުމާއެކު ކުރިއަށް އޮތް 5 އަހަރު އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެއްވޭނެ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ދައުލަތަށް ހަދިޔާގެ ގޮތުގައި ލިބިފައި ހުރި ބައެއް ތަކެތި، 2018 އިން 2022 އަށް ބޮޑުވަޒީރު ކަމުގައި އޭނާ ހުންނެވި އިރު ނަހަމަ ގޮތުގައި ވިއްކެވި މައްސަލައިގައި ކޫސް ސާބިތުވެ ޖަލަށް ލީ، ލާހޯރުގައި ހުންނަވަނިކޮށް ހައްޔަރު ކޮށްގެން އިސްލާމް އާބާދަށް ގެންގޮސް ޝަރީއަތް ހިންގުމަށް ފަހުއެވެ.
އަސްކަރީ ބާރު އިންތިހާއަށް ގަދަ ޕާކިސްތާންގެ އާންމުންގެ މެދުގައި އިމްރާން އަކީ މަގޫބޫލު ބޭފުޅެއް ނަމަވެސް މި ހުކުމާއެކު ކުރިއަށް އޮތް އިންތިހާބުތައް ގެއްލުމުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޭނާގެ ޕާޓީން ވަނީ ބުނެފައެވެ.
ހައްޔަރު ކުރުމުގެ ކުރިން އޭނާ ރެކޯޑް ކުރައްވާފައި އޮތް ވީޑިއޯއެއްގައި އޭނާ ވަނީ، އިންސާނީ ހައްގުތަކުގެ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. އަދި މިއަދު އޭނާ އެ ތަހަންމަލް ކުރައްވަމުން ގެންދަވާ ދަތި ވަގުތަކީ ޕާކިސްތާންގެ ޅަދަރިންގެ މުސްތަގުބަލަށްޓަކައި ތަހަންމަލް ކުރައްވަމުން ގެންދަވާ ދަތި ވަގުތެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މިހާރު އުމުރުން 70 އަހަރުގެ އިމްރާން، ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް މަގާމުން ދުރުކުރީ މިދިޔަ އަހަރު އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފައެވެ. އޭގެ ފަހުން އެގައުމުގައި އޮތް ސަރަހައްދީ އެކި އިންތިހާބުތަކުގައި ވެސް ވާދަ ކުރައްވަން އޭނާ މަސައްކަތް ކުރެއްވި ނަމަވެސް މިހާރުގެ ސަރުކާރުން އޭނާއަށް އެފުރުސަތު ދީފައެއް ނުވެއެވެ.
އިމްރާން ތުހުމަތު ކުރައްވަނީ ވެސް އޭނާ އާ ދެކޮޅަށް އެކި ޒާތުގެ ތުހުމަތުތައް ކޮށް ދައުވަ އުފުލަމުން ގެންދަނީ ސިޔާސީ ބޭނުންތަކެއްގައި ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއީ ސިޔާސީ އެއްވެސް މަގުސަދެއް އޮވެގެން ކުރާ ދައުވާތަކެއް ނޫން ކަމަށާއި އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށެވެ.
ބޮޑުވަޒީރު ކަމުގައި ހުންނަވައި، ދައުލަތުގެ ހަދިޔާއާއި ބައެއް ހަރުމުދާ ވިއްކެވުމާއި، އިންތިހާބަށް ޑިކްލެއާ ކުރައްވަން ޖެހޭ މާލީ ބަޔާތްތައް އޮޅުވާލެއްވުމާއި އެކިއެކި ފަރަތްތަކުން ހަދިޔާގެ ގޮތުގައި ތަކެތި ހޯއްދަވާ އެތަކެތި ދައުލަތަށް ދައްކާފައި ނުވުން ފަދަ ކިތަންމެ ކަމެއް މަތިކޮށް ޖުމްލަ 150 ތުހުމަތެއް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
މިދިޔަ މެއި މަހުވެސް މިފަދަ މައްސަލައެއްގައި އިމްރާން ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހިންގި ހަމނުޖެހުންތައް ކޮންޓްރޯލުން ނެއްޓިގެން ދިޔުމުން ސްޕްރީމް ކޯޓުން ވަނީ އެފަހަރުވެސް އޭނާ މިނިވަން ކޮށްފައެވެ.