މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ ކުރައްވާނެ ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރެއްވުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ މައި ކެމްޕެއިން ޓީމާއެކު ޕީޕީއެމް،ޕީއެންސީގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު އެހެން ވިދާޅުވިއިރު ޕީއެންސީ އިން ރިޔާސީ ކެންޑިޑޭޓް ހޮވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު ވެސް މުއިއްޒު ވަނީ އެފަދައިން ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެ ވަނަ ބުރަކަށް ދަންޏާ ދެ ވަނަ ބުރުގައި ކާމިޔާބު ވެވަޑައިގަތުމަށް ފަހު ޕޯޑިއަމްގައި ފުރަތަމަ ވިދާޅުވާނެ ވާހަކަ އަކީ ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ގޮވާލެއްވުން ކަމަށެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާއިރު ރައީސް ޔާމީން ގެއަށް ބަދަލު ނުކޮށް ހުންނެވި ނަމަ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރެއްވުން ކަމަށާއި އިއްޔެ ފެއްޓެވި މަސައްކަތުގެ ގިޔަރު އިތުރަށް މަތިކުރަމުން ގޮސް، އެ މަސައްކަތް ކާމިޔާބުކޮށް ރައީސް ޔާމިން މިނިވަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރަމަތިލައްވާފައި ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން "މަގުމަތިވިޔަ" ނުދިނުމަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޕީއެންސީގެ ރިޔާސީ ޓީކެޓް މުއިއްޒު ކާމިޔާބު ކުރައްވާފައި ވަނީ އާދަމް ޝަރީފާ ވާދަކުރައްވައި 2 ވޯޓުގެ ތަފާތުންނެވެ. މުއިއްޒުއަށް 25 ވޯޓު ލިބިވަޑައިގެންފައި ވާއިރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މުއިއްޒުގެ ރަނިންމޭޓަކަށް ކަނޑައަޅާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.
ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް މިދިޔަ އަންގާރަ ދުވަހު އީސީއިން ނިންމާފައި ވަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ. އީސީގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސްޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައެވެ.