ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓުތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މާދަމާ އާންމު ކުރަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މާދަމާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރަން ނިންމާފައިވީ ނަމަވެސް ފްލެޓް ލިސްޓް އާންމު ކުރާނެ ގަޑިއެއް ނޭނގޭ ކަމަށެވެ.

ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މިދޔަ ޖުލައި މަސް ނިމުމުގެ ކުރިން ނެރުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު އަކްރަމް ވިދާޅުވި ނަމަވެސް، މަސް ނިމުނު އިރު ވެސް ލިސްޓު އާންމެއް ނުކުރެވުނެވެ. ގެދޮރުވެރިޔާ ސްކީމްގެ އިތުރުން ސަރުކާރުން "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާނެ ކަމަށް ބުނެފައި ވަނީ މިދިޔަ މަހުގައެވެ. އޭގެ ތެރެއިން ވެސް ސަރުކާރުން މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރީ ގޯތި ލިބޭ މީހުންގެ ތަފްސީލު ހިމެނޭ ލިސްޓެވެ.

މީގެ ކުރިން ވެސް ފްލެޓް ލިސްޓް އާންމު ކުރާނެ އެތައް ތާރީހެއްގައި ހައުސިން މިނިސްޓްރީއިން ބުނެފައިވީ ނަމަވެސް އެ ދުވަސްތަކުގައި ފްލެޓް ލިސްޓު އާންމުކުރެވިފައި ނުވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން، އަވަސް އަރުވާލައްވައި ދެއްވި ކުރު ޖަވާބެއްގައި އަކްރަމް ވިދާޅުވެފައި ވަނީ "ދެން ހަމަ ލަސްވަނީ، ކުރިން ވެސް އެ މަސައްކަތް (ލިސްޓުގެ މަސައްކަތް) ކުރަނީ" ކަމަށެވެ. "ކުރަން ޖެހޭ މަސައްކަތްތައް ނުނިމިގެން މި އުޅެނީ، ނިމުނީމަތާ ވާނީ،" އޭނާ ވިދާޅުވިއެވެ.

ލިސްޓު އާންމުނުކުރެވިގެން އުޅެނީ އިދާރީ މައްސަލައަކާ ގުޅިގެން ނޫން ކަމަށް މީގެ ކުރިން އަކްރަމް ވަނީ ވިދާޅުވެފައެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް 20،697 މީހުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 14،489 ފަރާތަކާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 6،208 ފަރާތެކެވެ.