ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ވަކިވެވަޑައިގެންފިއެވެ.
އެކަން ހާމަކުރައްވާ ސިޔާސީ ޕާޓީން ވަކިވުމަށް ހުށަހަޅާ ފޯމުގެ ފޮޓޯއަކާއެކު މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ހޭދަ ކުރި ދުވަސްތަކުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މެންބަރު ބެހެއްޓެވި ގާތް ގުޅުމަށް ޝުކުރުވެރިވާ ކަމަށެވެ.
ޑރ. މައުސޫމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ މެއި 5، 2014 ގައެވެ. އަދި މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެވިފައިވަނީ މި ސަރުކާރުގެ ކޯލިސަނުގެ ތެރެއިން ޖޭޕީގެ ސްލޮޓަކުންނެވެ.
މައުސޫމް ޖޭޕީއިން ވަކިވެވަޑައިގެންފައިވަނީ ޖޭޕީއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ، އެ ޕާޓީއިން އެ ފޯމު ބަލައިގެންފައި ވަނިކޮށެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ވަރަށް ގިނަ ބަޔަކު އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުންއަންނައިރު މައުސޫމް މީގެ ކުރިން އަމަލީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައި ވިޔަސް ސޯޝަލް މީޑިއާގައި ރައީސް ސޯލިހުގެ ޝިއާރު "އުފާވެރި އަމާން ރާއްޖެ" ބޭނުންކުރަމުންދާތަން ފެނެއެވެ.
ބައެއް މެންބަރުން ޖޭޕީ ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެން ކަމުގައި ވިޔަސް ބައެއް ބޭފުޅުން ޖޭޕީގައި ތިއްބަވައިގެން ރައީސް ސޯލިހަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ހުސެން އާއި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑަައިގަންނަވައެވެ.