ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ދޫކޮށްފައި އޮތް ކ. ވާވެއްދި ފަޅު ވިއްކާލީ ގަތަރުގެ އިސްތިސްމާރު ހޯލްޑިންގްސް އަށް ކަން ހާމަވެއްޖެއެވެ.
467 ހެކްޓަރުގެ ބޮޑު ވާވެއްދި ފަޅު ގަތް އިސްތިސްމާރު ހޯލްޑިންސް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ފަޅުގައި ހިންގަނީ 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. އަދި އެ ރިސޯޓު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ތަރައްގީކޮށް ނިންމުމަށްފަހު 2025 ވަނަ އަަހަރުގެ ކުރީކޮޅު ރިސޯޓު ހުޅުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ ކުރިން ވިލާ ކުންފުނިން ފަޅު ވިއްކާލުމަށް ނިންމާ، ޓޫރިޒަމް މިނިސްޓްރީއަށް އެކަން އެންގުމާއެކު އޭސީސީން ވަނީ ފަޅާއި ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް އަމުރެއްވެސް ނެެރެފައެވެ. އެއާއެކު ވާވެއްދި ފަޅު ވިއްކުން ހުއްޓުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން އެދިގެން ކަމަށް ގާސިމް އިބްރާހިމް ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.
ސަރުކާރުން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި އެތަން ތަނަށް ދޭން ޖެހޭ ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ދެއްކުމަށް ވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ތެރޭގައި ވިލާ އަށް އެންގިއެވެ.
އެ މައްސަލަ ބެލުމަށް ފަހު 2018 ގައި ސުޕްރީމް ކޯޓުން ނިންމީ އެތަންތަން އަނބުރާ އަތުލަން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށެވެ. މި ފަޅުގެ މައްސަލާގައި ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާސިމް އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ މި ސަރުކާރުން ވެސް އޭނާގެ ވިޔަފާރިއަށް އަމާޒުކޮށް ގެއްލުން ދޭން ފަށާފައިވާ ކަމުގެ ތުހުމަތުކޮށެވެ.
ނަމަވެސް އެ ތުހުމަތު ދޮގުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، މިނިވަން މުއައްސަސާތައް މި ސަރުކާރުގައި މަސައްކަތްކުރާނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މިނިވަންކަމާ އެކުގައި ކަމަށެވެ.