ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ފްލެޓެއްގައި 1000 އަކަފޫޓް ހުންނާނެ ކަމަށާއި ފްލެޓެއްގައި، ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ހައުސިން ޔުނިޓްތައް އިމާރާތް ކުރާނީ 11 ބުރިޔަށް ކަމަށާއި ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި އެތަނުގައި ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކިން ޖާގައެއް ދެވޭނެ ކަމަށެވެ.

މިމަޝްރޫއަށް ހަރަދު ކުރަނީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށާއި މި މަޝްރޫއަށް ޖުމުލަ 469،787،688 ރުފިޔާ ހަރަދުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން 400 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ.