ރިޔާސި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އަދި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލު ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.
ފާރިސް މީގެ ކުޑައިރުކޮޅެއް ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުވާދު ތައުފީގާ ފޯމު ހަވާލު ކުރައްވާފައި ވާއިރު ފާރިސް ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ޑރ. އަބްދުއް ސައްތާރު ޔޫސުފްއެވެ.
ފާރިސްގެ އިތުރުން ޒަމީލް ވެސް ފުވާދު ތައުފީގާ ފޯމު ހަވާލު ކުރައްވާފައި ވާއިރު ޒަމީލްގެ ރަނިން މޭޓަކަށް އައްޔަން ކުރައްވާފައި ވަނީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ. އަދި އިންތިހާބީ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޭނާގެ ދަރިކަލުން އަހްމަދު މަހްރާން ޒަމީލްއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2:00 ގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސިރެވެ.
ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައި ވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ. އަދި މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ހަމަޖައްސާފައި ވާއިރު އިލްޔާސްގެ ރަނިންމޭޓަކީ ކުރީގެ އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު އެވެ. އުމަރުގެ ރަނިންމޭޓަކަށް ކަނޑައަޅާވާފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމަށް (މާޒް ސަލީމް)އެވެ.