އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފު ކޮށްފައިވާ، ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމުގެ ފުރުސަތު މިމަހު 15 އަށް ހަމަވާނެއެވެ.

އެލައިޑުން ބުނީ، "އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ 6 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރާ ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މިފުރުސަތަށް އެދި މިމަހު 15ގެ 04:00ގެ ކުރިން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެލައިޑުން ބުނީ، "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެއް ކަމަށާއި މިފުރުސަތަށް އެދި މިމަހު 15ގެ 04:00ގެ ކުރިން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި ފަންޑިން ޕްރޮގްރާމްސް އަކީ ވަރަށް އުއްމީދާއި އެކު އެލައިޑުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާ، މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބަވާ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް އެލައިޑުން ބުނެއެވެ.

އެހެންކަމުން މިޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މިލިންކުން ލިބޭނެ ކަަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ، 2018ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެލައިޑުން ބުނެއެވެ.