އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އިލެކްޝަން ކޮމިޝަން އަށް ފޯމް ހުށަހަޅުއްވައިފިއެވެ.
ދާދި ދެންމެއަކު އީސީ އަށް ފޯމް ހުށަހަޅުއްވާފައި ވާއިރު ގާސިމްގެ ރަނިންމޭޓަކަށް ކަނޑައަޅާވާފައި ވަނީ ގާސިމްގެ އަރިސް ބޭފުޅެއްގެ އިތުރުން އެމަނިކުފާނުގެ ރިޔާސީ އިންތިހާބު ކެމްޕޭންގައި މާލެއިން އުތުރު ގޮތްޕައް ކަނޑައަޅާފައި ހުންނަވާ ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމް އެވެ.
ގާސިމް އިބްރާހިމް އީސީއަށް ފޯމް ހުށަހަޅުއްވާފައި ވަނީ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއެކު އިލެކްޝަން ކޮމިޝަން އަށް ވަޑައިގެންނެވެ. އަދި އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް އީސީއަށް ވަނީ ވަޑައިގެންފައެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީން ކޯލިޝަންއާ ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކޮށްފައި ވަނީ މިދިޔަ މާޗް މަސް ތެރޭގައެވެ. ރިޔާސީ ރޭހުގައި ގިނިކަންޏާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ދާދި ފަހުން ގާސިމް ވަނީ އިދިކޮޅު ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެއް ކެންޑިޑޭޓަކު ނެރުމަށްވެސް މަޝްވަރާ ކުރައްވާފައެވެ.
ނަމަވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާއިރު މިދިޔަ އާދިއްތަ ދުވަހުގެރޭ ވެސް ވަނީ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ލީޑާޝިޕް ބޭފުޅުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބައިވެރި ވެވަޑައިގެންނެވި އިރު ޖޭޕީގެ ފަރާތުން ލީޑަރު ގާސިމް އިބްރާހިމް އާއި އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމުގައި، ގާސިމްގެ ރަނިން މޭޓުކަން ޑިމޮކްރެޓްސް އަށް ދޭން ހުށަހެޅުމުގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށާއި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެއްބަސްވުމަށް މަޝްވަރާ ކުރެވުނުކަން ވެސް ވަނީ އެނގިފައެވެ.
ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމާ ގުޅޭ ގޮތުން ދެޕާޓީން ކުރެ ޕާޓީއަކުން ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު، ބައްދަލުވުމަށް ފަހު، ޖޭޕީގެ ޕޮލިސީ މޭކަރުންނާއެކު ގާސިމް ބައްދަލު ކުރައްވައި އެ ކަންކަން ހުށަހެޅުއްވި ނަމަވެސް، އެއްބަސްވެފައި ނުވާ ކަމަށް ވެސް ވަނީ އެނގިފައެވެ.
ޑިމޮކްރެޓްސް އިން ޖޭޕީ އާއެކު ކުރިއަށް ދެވޭތޯ ކުރި މަޝްވަރާއިން އަލިމަގެއް ފެނިފައި ނުވާ އިރު، އެ ޕާޓީން ރޭ ވަނީ ޕީޕީއެމް އާއެކު މަޝްވަރާ ކުރަން ޝައުގުވެރިވާކަން ވެސް ހާމަ ކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ބައެއް މަޖިލީސް މެންބަރުންނަށް ދަންނަވާފައި ވާ ކަމަށާއި އެ މަޝްވަރާތަކަށް ފެހި ސިގްނަލެއް ލިބިފައި ވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ޖޭޕީގެ ރަނިން މޭޓަކަށް އަމީން ހަމަޖެއްސެވިކަން ރަސްމީކޮށް އިއްޔެ އިއުލާން ކޮށްފައި ވާއިރު ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރެއްވީ ރަނިންމޭޓަކަށް ވުމަށް ކަމަށްވެސް އަޑުފެތުރުނެވެ.
ގާސިމްގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މީގެ ކުރިން ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. އެ ދައުވާތައް ކޮށްފައި ވަނިކޮށް ފުރާވަޑައިގެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން 2 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައި ވަނިކޮށް ސްޕްރީމް ކޯޓުން މައާފު ދިނުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ ކުރީ ކޮޅުގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2:00 ގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމްއެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވެސް ފޯމް ހުށަހަޅުއްވާފައި ވެއެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައި ވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ. އަދި މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ހަމަޖައްސާފައި ވާއިރު އިލްޔާސްގެ ރަނިންމޭޓަކީ ކުރީގެ އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްއާރްއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫންގެ ރަނިން މޭޓަކަށް ޑރ. އަބްދުއް ސައްތާރު ޔޫސުފް އިއުލާން ކުރައްވާފައިވާއިރު އުމަރު ނަސީރު އަދި ރަނިންމޭޓެއް އިއުލާނު ކުރައްވާފައެއް ނުވެއެވެ.
ޤާސިމް ވެގެންދާނީ ކެންޑިޑެސީ ފޯމެއް އެންމެ ބުރަބޮޑުކޮށް ހުށަހެޅި ފަރާތައް. އެހެނީ އޭނާ މިކަމަށްޓަކައި 1 މޭލުގެ ދިގު ރާސްތާ އަކަށް ފައިމަގުގައި ހިނގަން ޖެހުނެވެ. މިއިރު އޭނާއަކީ ގެއިން ބަދިގެއަށް ވެސް މާރުސިޑީޒް ބެންޒު ކާރުގައި ނޫނީ ނުދާ މީހެކެވެ.