ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ މައި އިންތިހާބަށް މިހާތަނަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެ ކަނޑައަޅައިފިއެވެ.

ޔާމީންގެ އިތުރުން އިންތިހާބަށް މިހާތަނަށް ކުރިމަތިލެއްވީ:

  • އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
  • އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް
  • ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

ތިން ބޭފުޅުން ވެސް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިއަދެވެ. މީގެ ތެރެއިން ޝަރުތުތައް ފުރިހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ނާޒިމާއި ރައީސްގެއެވެ. އިލްޔާސްގެ ޝަރުތުތައް ފުރިހަމަވާ ކަން ނުވަތަ ނޫންކަން އަދި ސާފެއް ނުކޮށްދެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނަައިބު ރައީސް އިސްމާއީލް ހަބީބު ވަކިވަކިން ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ، ނާޒިމާއި ރައީސްގެ ކެންޑިޑެސީ ފޯމުތައް ބަލައި ފާސްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތިން ދެ ބޭފުޅުންގެ ޝަރުތުތައް ފުރިހަމަ ކަމަށާއި، ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅުއްވި ފޯމުތައް އެ ކޮމިޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ޔާމީންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ގާނޫނުއަސާސީގައިވާ ބައެއް ޝަރުތުތައް އުނިވުމުންނެވެ. އެންމެ ފަހު މަރުހަލާ އެއް ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބަދަލުކުރުމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް، ޔާމީން ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާއެވެ. ސުޕްރީމް ކޯޓުގެ ރައުޔުގައިވާ ގޮތުން ޔާމީންގެ ޝަރުތެއް އުނިވަނީ ސާބިތު ދަރަންޏެއް އޮވެގެންނެވެ.

ހަމަ އެއާއެކު، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެން ނުވާނެ ކަމަށާއި، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރާ މީހެއް ކަމުގައި ވެގެނެއް ނުވާނެއެވެ. ޔާމީންގެ އުނިވަނީ މި ދެންނެވި ޝަރުތުތަކެވެ.