މިއީ ޒިންމާދާރުކަން ކުޑަ ތަރައްގީގެ އަސަރު ކަމަށާއި މިފަދަ ސަރަހައްދުތަކުން އިތުރު ހާދިސާތައް ހިނގާފާނެ ކަމަށް ބެލެވޭ ކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވެއްޖެއެވެ.
މާލޭގެ ބޮޑު ސަރަހައްދަކަށް އިއްޔެ އުދަ އަރާފައިވާއިރު އިއްޔެ ދައުރުވި ވީޑިއޯއިން ބްރިޖުން ދަތުރުކުރަމުން ދިޔަ ސައިކަލުތަކާއެކު ގިނަ ބަޔަކު ވިއްސައިގެން ދިޔަ މަންޒަރު ފެނިގެންދެއެވެ.
އެހާދިސާއާ ގުޅިގެން ނައީމް ވިދާޅުވީ، މިއީ ޒިންމާދާރުކަން ކުޑަ ތަރައްގީގެ އަސަރު ކަމަށާއި ގުދުރަތުގެ ބާރާއި ކްލައިމެޓް އެމާޖެންސީއަށް ބެލުމެއް ނެތި އިންތިހާއަށް ބިން ހިއްކުމުގެ ނަތީޖާ ކަމަށެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭނުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށާއި ފަރު ބޭރާ ޖެހެންދެން ހިއްކުމުގެ މަސައްކަތް ކުރާ މިފަދަ ސަރަހައްދު ތަކުން އިތުރު ހާދިސާތައް ހިނގާފާނެ ކަމަށް ބެލެވޭ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.
އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވެސް ވެއެވެ. އެގޮތުން މާލެ އާއި ސިނަމާލެ ބްރިޖް ގުޅިފައިވާ ހަލި މަގަށް އުދަ އަރާ ގެއްލުންވިއިރު އައްޑޫގެ އެކި ހިސާބުތަކަށްވެސް އުދަ އެރިއެވެ. މިއަދު މެންދުރުފަހުވެސް ރާޅުގެ އުސްމިން 6 ފޫޓާއި 8 ފޫޓާ ދެމެދު އުފުލޭނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށް ރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށާއި މިއަދު 2 އަކުން އިރުއޮއްސި 7 ޖަހަންދެން ދިޔަވަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ފުލުހުން ބުނީ މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައި ވާތީ މެންދުރުފަހު 3 އިން ފެށިގެން ބްރިޖާއި ހައިވޭގައި، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ވަގުތުތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަސް އަންގާ ފުލުހުން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރައްކާތެރިކަމަށް އިސްކަންދީ، މާލެ އާއި ހުޅުލެ ނުވަތަ ހުޅުމާލެ އާ ދެމެދު ޒަރޫރީ ދަތުރުތައްވެސް ކުރާއިރު ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ފެރީ ހިދުމަތް ހިޔާރު ކުރުމަށް އެދިފައެވެ.
ފުލުހުން ބުނީ ދިމާވާ ހާލަތެއްގެ ސަބަބުން ޓްރެފިކް ޑައިވާޓް ކުރަންޖެހިއްޖެނަމަ އެކަން ކުރުމަށްޓަކައި ފުލުހުންގެ އޮފިސަރުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން ގެންދާނެ ކަމަށެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ޒިންމާދާރުކަން ކުޑަ ޢެކަމުވެސް އެކަމުން ވާ ފައިދާ މާބޮޑު ނައީމަށް އެކަން ނޭގިދާނެ އެ އިހްސާސް ނުވާތީ.