ޑިމޮކްރެޓްސް އިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން އިރުޝާދު ދެއްވައި އެކަމުގައި ޕީޕީއެމްގެ ސެނޭޓްގެ ލަފާ ހޯއްދަވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވުމާ ގުޅިގެން އިންތިހާބު ބޮއިކޮޓް ކޮށްފިނަމަ ވާނެ ގޮތާމެދު ވިސްނުމަށް އިރުޝާދު ދެއްވާ ނަޝީދު ވަނީ އިންތިހާބު ބޮއިކޮޓް ކުރުމުގެ ބަދަލުގައި ޑިމޮކްރެޓްސް އާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ގޮވާލައްވާފައެވެ.

އެވާހަކަފުޅާ ގުޅިގެން ޓްވިޓާގައި ޒެއިން ކިޔާ މީހަކު ކުރި ޓްވީޓެއްގައި، "ޑިމޮކްރެޓްސް" އިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރާނެތޯ އާއި އިސްލާމް ގައުމެއް ގޮތުގައި ރާއްޖެ ބާއްވަން މަނިކުފާނު [ނަޝީދު] ރުހިވަޑައިގަންނަވާތޯ ވަނީ ސުވާލު ކޮށްފައެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސް އިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އެކަން ޑިމޮކްރެޓްސް އިން ކުރާނެ ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ ރާއްޖެ އަބަދުވެސް ދެމި އޮންނާނީ އިސްލާމީ ގައުމެއްގެ ގޮތުގައި
ނަޝީދު

ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ލަފާ ދެއްވި ނަމަވެސް އެ އެންގެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމްގެ ސެނެޓުގައި ވޯޓު ނަގާފައި ވާއިރު ބޮއިކޮޓު ކުރަން މިއަދު ފާހެއް ނުވިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތް މައްސަލައިގައި މިއަދު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި ފުރަތަމަ ރައުޔު އިއްވެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީން 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވާ 5 މިލިއަން ޑޮލަރު ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް ކަމަށާއި ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިއިރު ނުދައްކާކަން މީރާގެ ނޯޓިސް އިން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

މިއާއެކު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ހުސްނުއް ސުއޫދުގެ ރައުޔުއަށް ތާއީދު ކުރައްވާފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.