ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް އަމީން އިބްރާހީމް ހަމަޖައްސަވައިފިއެވެ.

މިއަދު މެންދުރު ބޭއްވި އެޕާޓީގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން އެކަން އިއުލާން ކޮށްފައި ވާއިރު އަމީން އަކީ ގާސިމްގެ އަރިސް ބޭފުޅެއްގެ އިތުރުން ގާސިމްގެ ރިޔާސީ އިންތިހާބު ކެމްޕޭންގައި މާލެއިން އުތުރު ގޮތްޕައް ކަނޑައަޅާފައި ހުންނަވާ ކެމްޕެއިން މެނޭޖަރުވެސް މެއެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީން ކޯލިޝަންއާ ވަކިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރާނެކަން އިއުލާން ކޮށްފައި ވަނީ މިދިޔަ މާޗް މަސް ތެރޭގައެވެ. ރިޔާސީ ރޭހުގައި ގިނިކަންޏާ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ދާދި ފަހުން ގާސިމް ވަނީ އިދިކޮޅު ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަ ށްފަހު އެއް ކެންޑިޑޭޓަކު ނެރުމަށްވެސް އިސް ނަންގަވާފައެވެ.

ނަމަވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާއިރު ރޭ ވެސް ވަނީ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބައިވެރި ވެވަޑައިގެންނެވި އިރު ޖޭޕީގެ ފަރާތުން ލީޑަރު ގާސިމް އިބްރާހިމް އާއި އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި، ގާސިމްގެ ރަނިން މޭޓުކަން ޑިމޮކްރެޓްސް އަށް ދޭން ހުށަހެޅުމުގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށާއި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެއްބަސްވުމަށް މަޝްވަރާ ކުރެވުނުކަން ވެސް ވަނީ އެނގިފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމާ ގުޅޭ ގޮތުން ދެޕާޓީން ކުރެ ޕާޓީއަކުން ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު، ބައްދަލުވުމަށް ފަހު، ޖޭޕީގެ ޕޮލިސީ މޭކަރުންނާއެކު ގާސިމް ބައްދަލު ކުރައްވައި އެ ކަންކަން ހުށަހެޅުއްވި ނަމަވެސް، އެއްބަސްވެފައި ނުވާ ކަމަށް ވެސް ވަނީ އެނގިފައެވެ.

ޑިމޮކްރެޓްސް އިން ޖޭޕީ އާއެކު ކުރިއަށް ދެވޭތޯ ކުރި މަޝްވަރާއިން އަލިމަގެއް ފެނިފައި ނުވާ އިރު، އެ ޕާޓީން ރޭ ވަނީ ޕީޕީއެމް އާއެކު މަޝްވަރާ ކުރަން ޝައުގުވެރިވާކަން ވެސް ހާމަ ކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ބައެއް މަޖިލީސް މެންބަރުންނަށް ދަންނަވާފައި ވާ ކަމަށާއި އެ މަޝްވަރާތަކަށް ފެހި ސިގްނަލެއް ލިބިފައި ވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ޖޭޕީގެ ރަނިން މޭޓަކަށް އަމީން ހަމަޖެއްސެވިކަން ރަސްމީކޮށް މީގެ ކުޑައިރުކޮޅެއް ކުރިން އިއުލާން ކޮށްފައި ވާއިރު ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރެއްވީ ރަނިންމޭޓަކަށް ވުމަށް ކަމަށްވެސް އަޑުފެތުރުނެވެ.

ގާސިމްގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މީގެ ކުރިން ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. އެ ދައުވާތައް ކޮށްފައި ވަނިކޮށް ފުރާވަޑައިގެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން 2 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައި ވަނިކޮށް ސްޕްރީމް ކޯޓުން މައާފު ދިނުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ ކުރީ ކޮޅުގައެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. އެގޮތުން ރައީސް ސޯލިހުގެ ރަނިން މޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައި ވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފާ ވައިރު އިލްޔާސްގެ ކެންޑިޑެސީ ފޯމްވެސް މިހާރު ވަނީ ހުށަހަޅާފައެވެ.