ދިވެހި ގައުމަށް އެކި ގޮތް ގޮތުން ހިދުމަތްކުރެއްވި އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ޑރ. ޝައުގީ ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރައްވާފައި ވަނީ މިއަދު ކުނޫޒް ގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ އެކަމަށްޓަކައި ޑރ. ޝައުގީއަށް މަރުހަބާ ދަންނަވައި، ޝުކުރު އަދާކުރައްވާފައެވެ. އަދި ގާސިމް ވިދާޅުވީ ޝައުގީއަކީ ހަވާލުކުރެވުނު ކޮންމެ ޓާސްކެއް ފުރިހަމައަށް އަދާކުރައްވާ، ދިވެހިރައްޔިތުންނާ އަތާއި އަތް ގުޅައިލައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައުގީ ޖޭޕީއަށް ގުޅިވަޑައިގެންފައި ވަނީ ގާސިމްގެ ރަނިން މޭޓަކަށް ވެވަަޑައިގަތުމަށެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. އެގޮތުން ރައީސް ސޯލިހުގެ ރަނިން މޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައިވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފާ ވައިރު އިލްޔާސްގެ ކެންޑިޑެސީ ފޯމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.