މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެ ފޯމު އީސީގެ ރައީސް ފުވާދު ތައުފީގަށް ހަވާލު ކުރެއްވީ ނާޒިމްގެ އިންތިހާބީ އެޖެންޓު ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި އައްޑޫ ސިޓީ ބޭފުޅެއް ކަމަށްވާ ޑރ. އަދީލް ނަސީރު ކަނޑައަޅާފައި ވާއިރު އޭނާ ވަނީ ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާފައެވެ. އައްޑޫ ހިތަދު އަށް ނިސްބަތްވާ އަދީލް އެ ރަށު ޝަރަފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލްގެ މަގާމް އަދާ ކުރެއްވުމުގެ އިތުރުން އައްޑޫ ހައި ސްކޫލާއި އިސްލާމިއްޔާ ސްކޫލް އަދި އައްޑު އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް ވަނީ މަސައްކަތްކުރައްވާފައެވެ.

މި ފޯމާމެދު ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ކެންޑިޑެސީ ހުށަހެޅި ފަރާތަށް އީސީއިން ޖަވާބުދޭން ޖެހޭކަން ފާހަގަ ކުރައްވާ އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އީސީގެ މެންބަރުން ނިންމަވާފައި ވަނީ 48 ގަޑިއިރު ނެގުމުގެ ބަދަލުގައި 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ފޯމާ މެދު އީސީ އިން ނިންމާ ގޮތެއް އެންގުމަށް ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު 10:15 ގެ ކުރިން ފޯމަށް ޖަވާބު ދޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑެސީ ފޯމް މިއަދު ހެނދުނު ވަނީ ހުށަހަޅާފައެވެ. އެގޮތުން އެ ފޯމް އަދި ފޯމާއެކު ހުށަހެޅި ލިޔުންތައް ބެލުމަށްފަހު މާދަމާ 9:45ގެ ކުރިން ޖަވާބު ދޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ. "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.