ކުރިން އިއްޔެ ބާއްވަން ތާވަލްކުރި "ދިވެހި ފިލްމު އެވޯޑްސް 10" ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.
ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ ދިވެހި ފިލްމު އެވޯޑު ހަފްލާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާ ކަމަށާއި އެވޯޑު ހަފްލާ ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރެވޭނެކަމަށެވެ. ފިލްމު އެވޯޑު ހަފްލާ ފަސްކުރި ނަމަވެސް ހަފްލާ ފަސްކުރަން ޖެހުނީ ކީއްވެގެންކަން އެންސީއޭ އިން ހާމަކޮށްފައެއްނުވެއެވެ.
ބެލެވޭގޮތުގައި ފިލްމު އެވޯޑު ހަފްލާ ފަސްކުރީ އެވޯޑަށް ހުށައަޅާފައިވާ ފިލްމުތައް ޖަޖުނުކުރެވިގެންނެވެ. އެންސީއޭ އިން ބުނީ ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. މިދިޔަ މަހު ފިލްމު އެވޯޑަށް ކުރިމަތިލާ ފިލްމުތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލިއިރު މުއްދަތުހަމަވެގެން ދިޔައިރު ވަނީ ފިލްމު ހުށައެޅުމުގެ ފުރުސަތުގެ މުއްދަތު އިތުރުވެސް ކޮށްފައެވެ. މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒް ކޮށްފައިވާ ދިވެހި އުފެންދުންތަކެވެ.
އެންސީއޭއިން ބުނީ މި އެވޯޑް ދިނުމުގެ ބޭނުމަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށެވެ. ދިވެހި ފިލްމު ފެސްޓިވަލް އާއި ދިވެހި ފިލްމު އެވޯޑްސް ބާއްވާނީ މީލާދީ ކަލަންޑަރުން ކޮންމެ ދެ އަހަރުން އެއް އަހަރުއެވެ. ދިވެހި ފިލްމު ފެސްލިޓީގައި ހިމެނެނީ ކޮމްޕެޓެޓިވް ކެޓެގަރީ އަދި ނޮން ކޮމްޕެޓެޓިވް ކެޓެގަރީއެވެ.