އުދައަރަމުންދާތީ ޒަރޫރީ ބޭނުމެއްގައި މެނުވީ މާލެއާއި ހުޅުމާލެ ގުޅުވައިދޭ މަގު (ސިނަމާލެ ބްރިޖް)އިން ދަތުރު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

ޒަރޫރީ ބޭނުމެއްގައި ބްރިޖުން ދަތުރު ކުރާ ފަރާތްތަކުން ވެސް އުދައެރުން ހުއްޓާލަންދެން 4 ފުރޮޅުލީ އުޅަނދު ނުވަތަ ފެރީގައި ދަތުރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާޅުގަނޑާއި ބްރިޖް ސަރަހައްދަށް އުދައެރުމާ ގުޅިގެން ބައެއް މަގުތަކުގައި ބަސްތަކަށް ދަތުރުކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާތީ ކާނިވާ ރޫޓުގެ (ރޫޓް 2 އަދި ރޫޓް8) ބަހުގެ ހިދުމަތް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް ވެސްޓްޕާކް ރޫޓް (ރޫޓް1 އަދި ރޫޓް7)ގެ އިތުރުން އެއާޕޯޓް ރޫޓުގެ (ރޫޓް 3، ރޫޓް 4 އަދި ރޫޓް9)ގެ ހިދުމަތް ކުރިޔަށްދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އުދަ އެރުމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި މުދަލަށް މީގެ ކުރިން ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު މިއަދާ މާދަމާ ވެސް ބައެއް ހިސާބުތަކަށް އުދަ އަރާނެ ކަަމަށް ލަފާ ކުރެވޭތީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އުދައަރައިގެން އާންމު ރައްޔިތުންނަށާއި ގެދޮރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރި ވުމަށް އިލްތިމާސް ކޮށްފައެވެ.

ރައްކާތެރިވުމުގެ ގޮތުން އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސް ކޮށްފައިވާ ފިޔަވަޅުތައް:

  • އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
  • ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. ( ގޭގެ ދޮރުމަތީ ވެލި ބަސްތާ ޖެހުން)
  • ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
  • ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން.
  • ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެން ނުދާނޭ ފަދައަކުން އެއްސުން.
  • މާލެ އަދި ހުޅުމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުން.
  • ކުރިމަތިވެދާނޭ އާންމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާއި އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުން.

އާޓިފިޝަލް ބީޗު ސަރަހައްދާއި ކާނިވަލް ސަރަހައްދަށް ވެސް އުދަ އަރަމުން ދާއިރު އުދައާއެކު ލޮނުގަނޑު ބޮޑުތަކުރުފާނު މަގުން ފެށިގެން މަޖީދީމަގާ ހަމައަށް ވަނީ އަރާފައެވެ.

މީގެ އިތުރަށް ސިނަމާލެ ބްރިޖްގެ ދެކުނު ފަޅިން ވެސް އުދައަރަމުން ދާއިރު ބްރިޖުން ދަތުރުކުރަމުން ދިޔަ ސައިކަލުތަކަކާއެކު ގިނަ ބަޔަކު ވިއްސައިގެން ދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.