ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖައްސައި އިއުލާން ކޮށްފިއެވެ.

މި ވެރިކަން ދިފާއު ކުރެއްވުމަށްޓަކައި އަންނަ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށް، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން އިއުލާނު ކުރީ ދާދި ދެންމެއެވެ.

ރަނިންމޭޓެއް އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވި ތާރީހަށް ވުރެ، ރައީސްގެ ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން އިއުލާނު ކުރުން ފަސްކުރީ ބެލެވޭ ގޮތުގައި، އެމްޑީޕީ އާއި އެ ޕާޓީ އާ ގުޅިފައިވާ ޕާޓީތަކާ އެކީގައި މަޝްވަރާތައް ކުރުމަށެވެ. ނަމަވެސް ރައީސްގެ އިންތިހާބީ އޭޖެންޓު މުހައްމަދު ނާޝިޒު ފޯނު ނުނަންގަވާތީ މިކަން ސާފެއް ނޫނެވެ.

ރައީސްގެ ރަނިންމޭޓަކީ އަސްލަމްކަން އިއުލާނުކުރެއްވީ އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ފިނޭންސް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަސްލަމް ކުރައްވާތާ މިއީ ހަތަރުވަނަ ފަހަރެވެ. އެހެންކަމުން އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަދުވަސްވީ އެއް މެންބަރެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕާޓީތަކުން އައްޑު އަށް މިފަހަރު ވަރަށް ބޮޑު އިސްކަމެއްދީފައިވާ ކަން ފާހަގަކުރެވެއެވެ. ރައީސްގެ ރަނިންމޭޓުގެ ގޮތުގައި އިއުލާނުކުރެވުނު އަސްލަމަކީ އައްޑު އަށް ނިސްބަތްވާ ބޭފުޅެކެވެ. އަސްލަމްގެ އިތުރުން ދެން އައްޑު އަށް ނިސްބަތްވާ ބޭފުޅުންނަކީ:

- "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު- އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ރަނިންމޭޓު ޑރ. އަދީލް ނަސީރުކޮންމެ ޕާޓީއަކުން ވެސް މާލެ އަށް ބޮޑެތި ވައުދުތަކެއް ވުމަށް ފަހު، ދެން އެންމެ ބޮޑެތި ވައުދުތަކެއް ވަނީ އައްޑޫ ސިޓީއަށެވެ.