އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫ ބޭފުޅެއް ކަމަށް ވާ ޑރ. އަދީލް ނަސީރު ހަމަޖައްސަވަން ނިންމައިފިއެވެ.

ނާޒިމްގެ ރަނިންމޭޓުގެ ގޮތުގައި ޑރ. އަދީލް ރަސްމީކޮށް އިއުލާނު ކުރުން އޮންނާނީ ބިލަބޮންގް ސްކޫލްގައި އެމްއެންޕީން މިރޭ ބާއްވާ ރަސްމީ ޖަލްސާއެއްގައެވެ.

ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އައްޑޫ ހިތަދު އަށް ނިސްބަތްވާ އަދީލަކީ އެ ރަށު ޝަރަފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލެވެ. ޝަރަފުއްދީން ސްކޫލްގެ އިތުރުން، އައްޑޫ ހައި ސްކޫލާއި އިސްލާމިއްޔާ ސްކޫލްގެ އިތުރުން އައްޑު އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރައްވާފައި ވެއެވެ.

2019 ވަނަ އަހަރު އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އަށް އޭނާ ވާދަކުރައްވާފައި ވެއެވެ. ނަމަވެސް އެ ގޮނޑި އަށް އިންތިހާބުވެ ވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ނާޒިލެވެ.

ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންނާއި ރަނިންމޭޓުން އިއުލާނުކޮށްފައިވާ ގޮތަށް ބަލާލާއިރު، ގާތްގަނޑަކަށް ހުރިހާ ޕާޓީތަކަކުން އައްޑު އަށް އިސްކަން ދީފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން:

  • ރައީސްގެ ރަނިންމޭޓު ކަމަށް ކަނޑައަޅާފައި ވަނީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  • ނަޝީދުގެ "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ކެންޑިޑޭޓަކީ އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

މާލެ އަށް ފަހު ކޮންމެ އިންތިހާބަކާ ދިމާކޮށް ކޮންމެ ޕާޓީއަކުން ވެސް އެންމެ ގިނަ ވައުދުތަކެއް ވަނީ އައްޑު އަށް ކަން ފާހަގަކުރެވެއެވެ.