ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރި މައްސަލައިގެ އަޑުއެހުން 7 ގަޑިއިރަށް ފަހު މިރެއަށް ނިންމާލައިފިއެވެ.

ކެންޑިޑެސީގެ މައްސަލަ މިއަދު 14:30 ގައި ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލު ކުރި ނަމަވެސް ކޯޓުގައި ކަރަންޓް ނެތުމާއެކު ޝަރީއަތް ނުފެށި ލަސްވެ އަޑުއެހުން ފަށާފައި ވަނީ 16:00 ހާއިރުއެވެ. މިއީ ދުސްތޫރީ މައްސަލައެއް ކަމުން މި މައްސަލަ ބައްލަވަމުން ގެންދަވަނީ ސުޕްރީމު ކޯޓުގެ ފުލް ބެންޗުންނެވެ.

ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތައް ނިންމާލާފައި ވާއިރު މައްސަލަ ހުށަހެޅި ފަރާތް، މައްސަލަ ރައްދުވާ ފަރާތުގެ އިތުރުން މައްސަލައިގައި ތަދައްހުލް ވެފައިވާ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ވަނީ ދެއްވާފައެވެ. އަދި ނިންމާލުމުގެ ކުރިން ކޮންމެ ފަރާތަކަށްވެސް މައްސަލައާ ގުޅޭގޮތުން ފަހުބަސް ބުނުމަށް 10 ވަރަކަށް މިނެޓް ވަނީ ދީފައެވެ.

އެއާއެކު ނިންމާލުމުގެ ގޮތުން އީސީގެ ފަރާތުން ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުއްވީ ވަކި ބޭފުޅަކަށް ވީތީ އެ ބޭފުޅަކަށް ކުރިމަތިނުލެވޭ ގޮތް ހަދަން ގަސްތުގައި ކުރާނެ އެއްވެސް ކަމެއް އީސީގައި ނެތް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޔާމީން ވަކީލުންގެ ޓީމުގައި ހިމެނިވަޑާއިގަންނަވާ އިސް ވަކީލު ޑރ. ޖަމީލް ނިންމާލަމުން ވިދާޅުވީ ދައުލަތާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެދޭ ގޮތަށް މި މައްސަލަ ނިންމައިފި ނަމަ، އެ ނިންމުން ވެގެންދާނީ ހަމައެކަނި އެންމެ މީހަކަށް ވަކި ތަރުޖަމާއެއް ނެރެގެން، އިންތިހާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން އޭޖީގެ ކައުންސެލް ޖެނެރަލް ވިދާޅުވީ ޔާމީން ދައުލަތަށް ދައްކަން ޖެހިވަޑައިގަންނަވާ 5 މިލިއަން ޑޮލަރު ދައްކަވާފައި ނުވާ ކަމަށާއި، މީރާ އިން މިދިޔަ މަހުގެ 3 ވަނަ ދުވަހު އެ މަނިކުފާނަށް ނޯޓިހެއް ފޮނުވާފައިވާ ކަމަށާއި އެ ނޯޓިސްގެ ކޮޕީ ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ ކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ، އެފަދަ އެއްވެސް ނޯޓިހެއް އެ މަނިކުފާނަށް އަދި އެ މަނިކުފާނުގެ ވަކީލުންނަށް ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ ވަކީލު ވިދާޅުވީ، އެ ޕާޓީގެ މެންބަރުން ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅީ ޔާމީން ކަމަށާއި ޕާޓީގެ މެންބަރުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދޭ ކަމަށެވެ.

ދެން އަޑުއެހުން ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅާފައި ނުވާއިރު ނިންމާލަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ ހުރިހާ ފަރާތްތަކުން މިއަދު ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން ފަނޑިޔާރުން ބަހުސް ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށާއި އިތުރު ކަމެއް ވަކާލާތު ކުރަން ނެތް ކަމަށްވާނަމަ ދެން އަންނަ އަޑުއެހުމެއްގައި ހުކުމް އިއްވަވާނެ ކަަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި ވާއިރު އިސްތިއުނާފު އަވަސް ކުރުމަށް އެކި ފަހަރުމަތިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.