ފަހު ނަމަކަށް މޯދީ ކިޔާ މީހުންނަކީ ވަގުން ކަމަށް ދޭހަވާ މޭރުމަރުން އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ވާހަކަ ދެއްކެވި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު މައްސަލަ ސްޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފިއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗައް 2 އަހަރުދުވަހުގެ ހުކުމެއް އިއްވާފައި ވުމުން، ގޮނޑި ގެއްލުމުގެ އިތުރުން އަންނަ އަހަރު އޮންނަ އާންމު އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތުވެސް އޮތީ ގެއްލިފައެވެ. އެ މައްސަލަ ރާހޫލްގެ ފަރާތުން ދަށު ކޯޓުތަކުގައި އިސްތިއުނާފު ކުރި ނަމަވެސް އެ ކޯޓުތަކުން އެ ހުކުން ދެމެހެއްޓިއެވެ.

ނަމަވެސް މިއަދު އެގައުމުގެ ސްޕްރީމް ކޯޓުން އެ ހުކުމް ސަސްޕެންޑް ކުރުމާއެކު މަޖިލީހުގެ ގޮނޑި އިއާދަ ވުމުގެ އިތުރުން، އަންނަ އަހަރު އޮންނަ އިންތިހާބުގައި އޭނާ އަށް ވާދަކުުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

2019 ވަނަ އަހަރު އޮތް ރެލީއެއްގައި ރާހޫލް ވިދާޅުވީ، "ހުރިހާ ވަގުންގެ ފަހު ނަމަކަށް މޯދީ ކިޔާ" ކަމަށެވެ. އެއާއެކު އިންޑިއާގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ މެންބަރުންގެ ރުޅި ފަޅައިގެން ގޮސް އެ ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާމަޖިލީހުގެ މެންބަރެއް ކަމަށް ވާ ޕުރުނީޝް މޯދީ ރާހޫލް އާ ދެކޮޅަށް ދައުވާ އުފުލިއެވެ. އޭނާގެ ދައުވާގައި ރާހޫލް މޯދީގެ ނަން ބޭނުން ކުރެއްވުމުން، އެ އަމާޒުވަނީ އެނާގެ ވާހަކައިގައި ފާހަގަ ކުރެއްވި 3 މޯދީންނަށް އެކަނި ނޫން ކަމަށާއި މިވަގުތު އިންޑިއާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ބީޖޭޕީގެ ލިޑަރު ނަރެންދްރަ މޯދީ އަށް ވެސް ނިސްބަތް ވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއީ އިންޑިއާގެ މޫނުމަތީގައި ޖެހުނު ލައްގަނޑެއްގެ ގޮތަށް އިންޑިއާ ސަރުކާރަށް ތާއީދު ކުރާ ބައެއް ނޫސްތަކުން އެވާހަކަ ގެނެސް ރާހޫލަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.

ރާހޫލްގެ ވާހަކައިގައި ފާހަގަ ކުރެއްވި 3 މޯދީންނަކީ، އިންޑިއާއިން ޣައްދާރެއް ކަމަށް ކަނޑައަޅާފައި ވާ ޑައިމަންޑް ވިޔަފާރިވެރިޔަކާއި އިންޑިއާގެ ކްރިކެޓް ބޯޑުގެ ކުރީގެ އެގްޒެކެޓިވް އަކާއި ބޮޑުވަޒީރު މޯދީއެވެ.

އެ މައްސަލައިގައި 2 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމް ކުރި ނަމަވެސް ކަފާލާތުގެ ދަށުން ރާހޫލް ހުރީ ދޫކޮށްލާފައެވެ. އަދި އޭނާގެ ކޯޓް ކޭސް ހިނގި މޯދީގެ އަފަން ޝަހަރު ކަމަށް ވާ ގުޖުރާތުގެ 2 މަރުހަލާގެ ކޯޓުން އޭނާގެ މައްޗަށް ހުކުމް ދެމެހެއްޓިއެވެ.

ރާހޫލްގެ ފަރާތުން ސްޕްރީމް ކޯޓަށް އެމައްސަލަ އުފުލުމުން، އެ ކޯޓުގެ ފަނޑިޔާރު ބީއާރު ގަވާއި އިއްވި ހުކުމުގައި ބުނީ، ދަށު ކޯޓުތަކުން 2 އަހަރު ދުވަހުގެ ހުކުމެއް އިއްވަން ޖެހުނު ސަބަބު ސާފުކޮށް ބުނެދީފައި ނުވާ ކަމަށެވެ.

3 ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގަވާއި އިތުރަށް ވިދާޅުވީ، ރާހޫލް ކުރެއްވި ކޮމެންތަކީ، [މޯދީ އަކީ ވަގުން ކަމަށް ވިދާޅުވުން] އެންމެ ރަނގަޅު ވިސްނުމުގައި ވިދާޅުވި ވާހަކައެއް ނޫން ކަމަށާއި އާންމު ތަގުރީރުތައް ދެއްވާ އިރު އިތުރަށް ސަމާލު ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ހުކުމާއެކު އަދަބު ދެވުނީ ރާހޫލް އަށް އެކަނި ނޫން ކަމަށާއި އެއީ އޭނާ މަޖިލީހަށް އައްޔަން ކުރި މީހުންނަށް ވެސް އަދަބެއް ކަމަށެވެ.

ރާހޫލް ކޯޓަށް ހުށަހެޅުއްވި 731 ސޮފްހާގެ އިސްތިއުނާފު ފޯމުގައި ބުނެފައި ވަނީ، ރާހޫލް އެވާހަކަ ދެއްކެވީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އޮތް ސިޔާސީ ހަރަކާތެއްގައި ކަމަށެވެ. އެެހެން ކަމުން އޭނާ އަށް ކުރި ހުކުމަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ވަރުގަދަ ހަމަލާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ސްޕްރޯމް ކޯޓުގެ ނިންމުމާއެކު ރާހޫލް އަދި އެއްވެސް އެއްޗެއް ވިދާޅު ނުވިނަމަވެސް އޭނާގެ ސަޕޯޓަރުން ވަނީ، އުފާފާޅުކޮށް މެޓާ ބަހާ ހަދާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ކޮންގްރެސް ލީޑަރުކަން ކުރައްވާ އަދީރު ރަންޖަން ޗައުދަރީ ވިދާޅުވީ، ރާހޫލްގެ ގޮނޑި އެނބުރާ އިއާދަކޮށްދޭން މަޖިލީހުގެ ރައީސަށް މިއަދުން މިއަދަށް ލިޔުއްވާނެ ކަމަށެވެ. އަދި މިއީ ތެދުވެރިކަމަށް ލިބުނު ނަސްރެއް ކަމަށާއި މިއީ އޭގެ އަގު މޯދީއަށް ބޮޑުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ މިހުކުމާ ގުޅިގެން ބީޖޭޕީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.