ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ، އެ ރަށަކަށް އޮންލައިންކޮޮށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާ ހަމަވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން، ދެން އިތުރު ނުކުރާނެ ކަމަށެވެ. އެހެންކަމުން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކުވެސް، 1414 އަށް ގުޅައިގެން ނުވަތަ މެސެޖް ކޮށްގެން، އެ މީހަކު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރުމަށް އީސީން ވަނީ އެދިފައެވެ.

މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަވާ ރަށް، ނޫންކަމަށްވާނަމަ، ވޯޓުލަން ބޭނުންވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ. އީސީން ބުނީ، ރީ-ރަޖިސްޓްރޭޝަނަށް، އިތުރު މުއްދަތު ދެވެންނެތީ، އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ ކަމަށެވެ.

މިހާރު ރަޖިސްޓްރީ ކޮށްފައިވާ ތަނުގައި، ވޯޓުފޮށްޓެއް ނުބެހެއްޓޭ ހާލަތުގައި، އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް، ނުލިބޭނެ ކަމަށާއި އެގޮތަށް ދިމާވާނީ، ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކުރާ މީހުންނަށް ކަމަށް އީސީން ބުނެއެވެ.

އީސީން ވަނީ އެންމެ ފަހުވަގުތަށް މަޑުނުކޮށް، ރީ-ރަޖިސްޓްރީ ގެ ކަންތައްތައް ނިންމުމަށް ހުރިހާ އެންމެނަށް އަދި ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް، އިލްތިމާސް ކޮށްފައެވެ. ވީއާރު ޖެއްސެވުމަށްފަހު، އައިޑެންޓިޓީ ކާޑުގެ ނަންބަރު ޖަހާ 1414 އަށް އެސްއެމްއެސް ކުރުމުން މިހާރު ރަޖިސްޓަރީ ކުރެވިފައިވާ ތަން ޗެކްކޮށްލެވޭނެ ކަމަށް އީސީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.