ޅ.ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
އެމްޓީސީސީން ބުނީ ބަނދަރު ހެދުމުގެ މައި މަޝްރޫއު 2020 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކޮށް އެ މަޝްރޫއުގެ 98 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ޖުމްލަ 104.68 މިލިއަން ރުފިޔާއަށެވެ. މައި މަޝްރޫއުގެ ދަށުން 3.269 މީޓަރުގެ ޝީޓް ޕައިލްކުރުމާއި، 422 މީޓަރުގެއެލް ބްލޮކް ހަރުކުރުމާއި، 38.585,32 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބިން ހިއްކުމާއި، 92.169 މީޓަރުގެސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 88 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 29.72 މީޓަރުގެ ސަރަޙައްދެއްގައިރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުންވެސް 56.998,3 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، ބޮލާޑް އަދި މޫރިންގ ބްލޮކް ހަރުކުރުމާއި، 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއަދު ސޮއި ކޮށް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ އިތުރު މަޝްރޫއުތަކުގެ ތެރޭގައި 244 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 51 މީޓަރުގެ މިހާރު ލާފައި ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއި، 270 މީޓަރުދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި މަޝްރޫއަކީ 24.32 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މަޝްރޫއުތައް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު އެވެ.
5049 މީހުންގެ އާބާދީއެއް އޮންނަ ޅ. ހިންނަވަރުގެ ރައްޔިތުން އާންމުކޮށް މަސައްކަތްކުރަނީ އަތޮޅުގެ އެކިއެކި ރިސޯޓްތަކުގައެވެ. މީގެ އިތުރުން އެ އަތޮޅުގައި އޮންނަ ޅ.ފެލިވަރު މަސްފެކްޓްރީގައިވެސް ގިނަ އަދަދެއްގެ ހިންނަވަރު ރައްޔިތުން މަސައްކަތްކުރެއެވެ. މީހުން ދިރިއުޅޭ މަދު ރަށްތަކެއް އޮންނަ ޅ. އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓްތަކެއް އަންނަނީ މިހާރު ހިންގަމުންނެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމުމުން ރަށު ރައްޔިތުން ބޭނުންވާފަދަ ޖާގަތަނަވަސް ޒަމާނީ ބަނދަރެއް ލިބޭނެ ކަމަށާއި އަދި ރައްޔިތުން އަހަރުތަކެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ލަފާފުރުމުގެ ދަތިކަންއެއްކޮށް ނިމި އެކަށީގެންވާ ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.