ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސައިފިއެވެ.

ޖޭޕީން ބުނީ ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސާފައިވަނީ މިއަދު ޕާޓީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ކަމަށެވެ.

ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސާފައި ވާއިރު އެމްއެންޕީން އިންތިހާބީ އޭޖެންޓަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ހަމަޖައްސާފައެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެ މީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ މީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހެއެވެ.

ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސާފައި ވާއިރު އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހަމަޖައްސަވާފައެވެ.

މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާތަކެއް މީގެ ކުރިން ވަނީ ކޮށްފައެވެ. އެ ދައުވާތައް ކޮށްފައި ވަނިކޮށް ފުރާވަޑައިގެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން 2 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައި ވަނިކޮށް ސްޕްރީމް ކޯޓުން މައާފު ދިނުމުން އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ ކުރީ ކޮޅުގައެވެ.

އޭނާ ވަޑައިގަތުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރާ ބައްދަލު ކުރެއްވި އިރު ގާސިމް ވަނީ އަލީ ވަހީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ޅައުމުރުގައި ކަންތައްތަކާ ދިމާވާނެ ކަމަށާއި ދިމާވާ ކަންކަމުން ނާއުންމީދުވެ މުޅި ހަޔާތް ބަރުބާދުކޮށް، މާޔޫސްވެގެން ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަބަދުވެސް ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ގޯސް ކަމެއް ކުރެވޭނަމަ ތައުބާވުމުން ފުދޭނެ ކަމަށް ގާސިމް ވިދާޅުވެއެވެ.

އަލީ ވަހީދަށް އިތުރަށް ތައުރީފް ކުރައްވާ ގާސިމް ވިދާޅުވެފައި ވަނީ، އޭނާ އަކީ ވަރަށް ވިސްނުންތެރި ވަރަށް ރަނގަޅަށް ކަންތައް ކުރައްވާ ބޭފުޅެއް ކަމަށާއި އެއާއެކު ބައެއް މީހުން ހަސަދަވެރި ވެސް ވާ ކަމަށެވެ. އަދި ހަސަދަވެރިންގެ ފަރާތުން ހަމަލާ އަންނާނެ ކަމަށާއި އަލީ ވަހީދު މިދޭތެރެއަކުން ހުންނެވީ އެފަދަ އެތިފަހަރެއްގައި ޖެހިވަޑައިގެންފައި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އަލީވަހީދު ވަނީ ގާސިމްގެ ފަރާތުން އޭނާ އަށް ލިބިވަޑައިގެން އެހިތެރިކަން ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ހިތްދަތި ދުވަސްވަރަށް ފަހު އުފާވެރިކަމެއް ލިބިވަޑައިގަތުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ގާސިމް ކަމަށާއި އޭނާ އެންމެ ފުރަތަމަ އިހްތިރާމް އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ ސިޔާސީ ލީޑަރަކީ ވެސް ގާސިމް ކަމަށް ވަނީ ވިދާޅުވެފައެވެ.