އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023، 34 ޓީމާއެކު މާލެ ސިޓީ ގައި މާދަމާ ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓާ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށެވެ.

މާދަމާ މެންދުރު 2:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރާއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް މާދަމާ ރޭ 9ގެ ކުރިން އަންނަންވާނެ ކަމަށް އުރީދޫން ބުނެއެވެ.

މަސްކިރިމުގެ މަސައްކަތް އުސްފަސްގަނޑުގައި ކުރިއަށް ދާއިރު ހަބޭސްބޮޑުބެރުގެ ހިތްގައިމު ހަރަކާތްތަށް އުސްފސްގަނޑުސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް އުރީދޫން ވަނީ ފާހަގަކޮށްފައެވެ. އުރީދޫން ބުނީ، އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައިވާ ކަމަށެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ:

  • މާލެ ސިޓީ: އޮގަސްޓް މަހުގެ 4 ވަނަ ދުވަހު
  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11 ވަނަ ދުވަހު
  • އައްޑޫ ސިޓީ: އޮގަސްޓް 18 ވަނަ ދުވަހު
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25 ވަނަ ދުވަހު

މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ ކަމަށެވެ.

އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރު ވެސް ވާދަކުރާކަން ފާހަގަކޮށް އުރީދޫން ބުނީ، އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު ކަމަށެވެ.

މި މުބާރާތުގައި ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މޮޅުވާ ޓީމުތަކަށް ފައިސާގެ އިނާމު:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
  • އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ

އުރީދޫން ބުނީ، ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަން ކަމަށެވެ.

.އުރީދޫ މަސްރޭސް ގެ ކުޅިވަރު ބަލާލުމަށް އެންމެހާ ފަރާތްތަކަށް އުސްފަސްގަނޑު ސަރަހައްދަށް އުރީދޫން އިން ވަނީ ދައުވަތު އަރުވާފައެވެ.