އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓަކު ކަނޑައެޅުމުގެ އިހުތިޔާރު އެ ޕާޓީގެ ކައުންސިލުން އިއްޔެ ގާސިމަށް ދިނުމަށް ފާސްކޮށްފިއެވެ.
ރަނިންމޭޓް ކަނޑައެޅުމުގެ ބާރު އޭނަ އަށް ދޭން ނިންމީ ޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގައި ކަމަށް ވާއިރު އެގޮތަށް ނިންމާފައި ވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ވެރިކަން ދިފާއު ކުރެއްވުމަށްޓަކައި ނިކުމެވަޑައިގަތުމަށް ފަހު ކޯލިޝަން އާ ކުރުމަށް ޖުމްހޫރީ ޕާޓީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވި ނަމަވެސް، ފެބްރުއަރީ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ނިންމާފައި ވަނީ އެ ޕާޓީން ކެންޑިޑޭޓަކު ނެރެ، އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.
އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް، އިންތިހާބުގައި ރައީސަށް ތާއީދުކުރުމާ ބެހޭ ގޮތުން ވާހަކަ ވާހަކަ ދައްކާ ވޯޓަށް އެހިނަމަވެސް ކައުންސިލުން އެގޮތަށް ފާހެއް ނުކުރިއެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލުކުރުމުން، ރައީސްގެ ނަންފުޅު ވިދާޅުނުވެ، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، އެހެން ކެންޑިޑޭޓަކަށް ތާއީދުކުރޭތޯ ނުކުރޭތޯ އިއްޔެގެ ބައްދަލުވުމުގައި އެހި ކަމަށާއި މެންބަރުން ނިންމެވީ ޕާޓީގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރާނެ ކަމަށް އިއުލާނު ކުރެއްވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދޭތޯ ސުވާލުކުރުމުން އާރިފް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އިއްޔެ ވެސް ނިންމީ ހުރިހާ ޕާޓީތަކާ ވާހަކަ ދައްކައިގެން، ކުރިއަށް ދެވޭނެ ގޮތެއް އޮތިއްޔާ ކުރިއަށް ދިއުމަށް ކަމަށެވެ. އަދި މިހާރު ވެސް ޕާޓީތަކާ އެކު މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވަން މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއުލާނު ކުރެއްވި ނަމަވެސް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރާ ކެމްޕެއިންތަކުގައި ގާސިމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ގާސިމް ފޯމު ހުށަހަޅުއްވާނެ ސީދާ ތާރީހެއް ވެސް ނޭނގެއެވެ. އެހެންނަމަވެސް އާރިފް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެންޑިޑެސީ ފޯމު ފުރުމާއި ރަނިން މޭޓެއް ކަނޑައެޅުމުގެ މަސައްކަތްތައް ދަނީ ވަރަށް ބާރަށް ކުރިއަށް ކަމަށާއި ކުރިން އޮތް ތިނެއް ނުވަތަ ހަތަރު ދުވަހެއް ތެރޭގައި އެ މަންޒަރުތައް ފެނިގެންދާނެ ކަމަށެވެ.