ވަކި މީހަކަށް ބެލުމެއް ނެތި ރައްޔިތުން ދުވަން ވީ ހުރިހާ ކަމެއް ކޮށްދޭ ރައީސެއްގެ ފަހަތުންް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ، ހދ. ހަނިމާދޫގައި ރައީސް ސޯލިހުގެ 2023 ރިޔާސީ ކެމްޕެއިން އަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ، ތަޖުރިބާގެ އަލީގައި ގޮތް ނިންމުމަކީ މުހިންމު ކަމެއް ކަމަށާއި ތަފާތެއް ފެނުނީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގައި ކަމަށެވެ.

އެހެން ރައީސުން ރަށްރަށަށް ވަޑައިގެން، ރައްޔިތުން ކައިރީގައި ވިދާޅުވަނީ ދެ ކަމެއް ނޫނީ އެންމެ ގިނަވެގެން ތިން ކަމެއް ހުށަހަޅަން ކަމަށް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ހިފެހެއްޓުމެއް ނެތި ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދެއްވާ މަންޒަރު ކަމަށް ސިޔާމް ފާހަގަ ކުރެއްވިއެވެ.

މިއީ ހަގީގަތުގައި ރައްޔިތުންނަށް ކަންތައް ކޮށްދޭން ދަހިވެތިވެފައި ތިބި އިއްޒަތްތެރި ރައީސުން ކުރައްވާ ކަންތަކަކީ
ސިޔާމް

ސިޔާމް ވިދާޅުވީ، ސިޔާސީ ވަކި ލީޑަރެއްގެ ފަހަތުން ދިވެހި ރައްޔިތުން ދުވަން ނުޖެހޭ ކަމަށާއި ރައްޔިތުން ދުވަން ޖެހޭނީ ރައްޔިތުންނަށް އޯގާތެރިކަމާއެކު، އެދޭ ހުރިހާ ކަމެއް ކޮށްދޭ ސަރުކާރެއް ނުވަތަ ރައީސެއްގެ ފަހަތުން ކަމަށެވެ.

މީގެ އިތުރުން އިންސާނުންގެ ތެރެއިން އެހާ ކެތްތެރި ބޭފުޅެއް ރައީސް ސޯލިހު ފިޔަވާ ފެނިވަޑައިގެންފައި ނުވާ ކަމަށާއި ކެތްތެރިކަމާއި، ހިކުމަތްތެރިކަން އަދި ވިސްނުން އިސްކުރައްވައިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެކަން ރައީސް ސޯލިހު ދައްކަވާފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ނަގަން ރައީސް ސޯލިހަށް ވޯޓު ދޭން ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި އިންތިހާބަށް ދެން ކުރިމަތިލައްވަން ތިއްބެވި ކެންޑިޑޭޓުން ވެސް ބޭކާރު މަސައްކަތް ނުކުރައްވައި ރައީސް ސޯލިހުގެ ފަހަތްޕުޅަށް ވަޑައިގަތުމަށް ސިޔާމް ވަނީ ގޮވާލައްވާފައެވެ.