ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހދ. އަށް ކުރައްވަމުންދާ ދަތުރުފުޅުގައި ދ. ހަނިމާދޫ ބަނދަރާއި، ފުޓުބޯޅަ ދަނޑު، އަދި ސްކޭޓްޕާކް ހުޅުއްވައި ދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ހަނިމާދޫ ފުޓުބޯޅަ ދަނޑަކީ، ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަނިމާދޫ ކައުންސިލުން ތަރައްގީ ކުރި ސްކޭޓް ޕާކު ވެސް މިއަދު ހަވީރު ހުޅުއްވައި ދެއްވާފައެވެ.

ހދ. ހަނިމާދޫ ބަނދަރު އަޕް ގުރޭޑް ކުރުމުގެ މަޝްރޫއު ނިމި އެ ބަނދަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހަވީރު ހުޅުއްވައި ދެއްވާފައެވެ. ހަނިމާދޫ ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މިއާއެކު އެމްޓިސީސީއާ ހަވާލުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ވަނީ 7.4 ކިލޯމީޓަރުގެ ސަރަހައްދެއްގެ މަގު ހަދާފައެވެ. މީގެ އިތުރުން މިއަދު ފާހަގަ ކުރި މަޝްރީއިތަކުގެ ނިމުމުގެ ތެރެއިން ހަނިމާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ވެސް އެމްޓީސީސީން ނިންމި މަސައްކަތެކެވެ.