ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް ކަނޑައަޅައި އެމެރިކާއިން ނެރުނު ލިސްޓުގެ ސަބަބުން ދިވެހި އިގްތިސާދަށް ގެއްލުންވާނެ މިންވަރު ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދުކޮށް ޓެރަރިޒަމަށް ފަންޑުކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައެވެ.

އެކަމާ ގުޅިގެން ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރު ބުނެފައިވަނީ ޓެރަރިޒަމަށް އެހީވާ މީހުންނާއި ކުންފުނިތަކުގެ ލިސްޓު އެމެރިކާއިން ނެރުމުގެ ކުރިން، މެއި 6، 2021 ގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަން ކުރެވުނު ކަމަށެވެ.

އެ އިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރެކޮމެންޑޭޝަންތަކެއް ހުށަހަޅާފައި ވާއިރު، އެ ކަންކަމަށް އަމަލު ކުރެވިފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެގަރާރުގައި އިތުރަށް ބުނީ، އެމެރިކާ ސަރުކާރު ނެރުނު އެ ލިސްޓަކީ ރާއްޖޭގެ ނަމަށާއި އިގުތިސާދަށާއި ދިވެހިންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ނިންމުމެއް ކަމަށް ބެލޭވެތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށް ފަހު އޭގެ އަސަރު ވީހާ ވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެ ކަމުގެ ނުރައްކާ ދިވެހި މުޖުތަމައުގައި އޮތް މިންވަރު ވަޒަންކޮށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ކުރުމަށް ނާޒިމް ވަނީ ގޮވާލާފައެވެ.