ތޮލާލު އެހުންނަނީ ދަނޑިވަޅަކަށް ބަލަބަލައެވެ. ނަޒީފް ހިނގައްޖެނަމަ ދެން ވެދާނެ ގޮތް ހިތަށް އަރުވާލަންވެސް އަހަންނަކަށް ނޭނގުނެވެ.
"އަސްލު ކިހިނެއްތަވީ؟ އަހަންނަށް ޔަގީން ސުދާއަށް ކޮންމެވެސް ކަމެއްވެއްޖެ. މީހަކު އެއްޗެކޭ ބުނީތަ؟"
ނަޒީފް ތަނަކަށް ދާން އުޅެގެން އަހަރެން މަނާ ކުރި އެއީ ފުރަތަމަ ފަހަރެވެ. އަހަރެންނަށް ކަމެއް ވެއްޖެކަން ގޭގެ އެންމެނަށް ވެސް އެނގެއެވެ. ތަކުރާރުކޮށް އެމީހުން އަހަރެންނާއި އެ ކުރާ ސުވާލަށް އަހަރެން ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ. ނަޒީފް އަހަރެން ގެންގޮސް އެނދުގައި ބޭންދުމައްފަހު ކައިރީ އިށީނެވެ.
"ތީ ކުރިން ސުދާ އުޅޭގޮތެއް ނޫން. އަހަންނަށް އެނގޭނީ ބުނީމަ. މީހަކު އެއްޗެކޭ ބުނީތަ؟"
"އަހަރެން ބޭނުމީ މާލެދާން." އިސްޖަހާލައިގެން ހުރެ އަހަރެން ބުނީމެވެ.
"އިއްޔެ ސުދާ ބުނި ޗުއްޓީ ނިމުނީމަ މާލެ ދާ ވާހަކަ. ކަމެއް ވީމަދޯ މިހާރު ތިހެން ތިއުޅެނީ. މަންމަ އެއްޗެއް ބުނީތަ؟"
"ނޫން. މަންމަ ވަރަށް ރަނގަޅު. އެންމެންވެސް ރަނގަޅު. މިސްކު ދެކެވެސް ވަރަށް ލޯބިވޭ. އެކަމަކު މިހާރު ދެން މާލެދާން އަހަރެން ބޭނުމީ."
އަހަރެންގެ ވާހަކައިން އެއްޗެއް ނުބުނެ ނަޒީފް އިރުކޮޅަކު އިނެވެ. "އެންމެ ރަނގަޅު. އީދު ނިންމާފަ ދާން ތައްޔާރުވޭ. އެކަމަކު އެހާ އަވަހަށް ދަނީ ކީއްވެތޯ މަންމަ ސުވާލު ކުރީމަ އަހަރެން ބުނާނަން ސުދާ ކައިރީ ތި ސުވާލު ކުރާށޭ. އެކަމަކު މިރޭ މަސްދަތުރު ނުގޮސް އަހަންނަކަށް ނުވާނެ. ދަތުރު ހަމަޖައްސާފަ ނުގޮސް ހުރީމަ ލަދަކު ބެދޭނީ އަހަރެން. އާދެވޭނީ ބާރަ ޖަހާ ކަންހާއިރު."
ނަޒީފްގެ ވާހަކައަށް އަހަރެން ބޯ ޖަހާލީ ހިތާ ދެކޮޅަށެވެ. ނަމާދު ކޮށްލައިގެން ނަޒީފް ނުކުމެގެން ދިޔައީ ވެގެން އުޅޭ ގޮތެއް އަހަރެން ނުބުނުމުން ހިތްހަމަ ނުޖެހިފައި ހުރެއެވެ. ނަޒީފް މަސްވެރިކަމު ހިނގައްޖެކަން ތޮލާލަށް އެނގުނީ އެރޭ ކާން ބަދިގެއަށް ވަތް ވަގުތުއެވެ. ތޮލާލު ވައްކަޅިން ފުރަތަމަވެސް ބަލާލީ އަހަރެންގެ މޫނަށެވެ. މިސްކު ކައި ނިމުމުން ލަސްނުކޮށް މިސްކު ގޮވައިގެން ގޮސް އަހަރެން ކޮޓަރިއަށް ވަނީމެވެ. އެރޭވެސް ނިދަން ދާން މިސްކު ބޭނުންވީ ރީނާގެ ކޮޓަރިއަށެވެ. ނަމަވެސް ނަޒީފް ނެތުމުން ތޮލާލަށް އޭނަ ބޭނުންވާ ފުރުސަތު ހޯދައި ދޭން އަހަރެން ބޭނުމެއް ނުވިއެވެ. ކައި ނިމިގެން ބޭރަށް ނުކުތް ގޮތަށް ތޮލާލް އަހަރެންގެ ފޯނަށް ގުޅައިފިއެވެ. އެކަން ވާނީ އެހެންކަން ކުރިންވެސް އަހަންނަށް އެނގެއެވެ. މިސްކު ނިދަންދެން އަހަރެން ވިސްނަމުން ދިޔައީ މިކަމުން ސަލާމަތް ވާނެ ގޮތަކާއި މެދުގައެވެ. ޒައިނާ ހިތްވަރު ދިނީ ތޮލާލާ ވާހަކަ ދައްކައިގެން އޭނަ ބޭނުންވެގެން އެއުޅެނީ ކޮންކަމެއްތޯ އަހައި އޮޅުން ފިލުވާށެވެ. އަހަރެން ފިނޑިވެއްޖެ ނަމަ ތޮލާލު އޭނަ ގެންގުޅޭ ކުޅިބަޔަކަށް އަހަރެން މިފަހަރުވެސް ހަނދާނެކަން ޒައިނާ އަހަންނަށް ހަނދާންކޮށްދިނެވެ. ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަނެވެން އޮތީ އަހަރެން ތޮލާލުގެ ކުރިމަތީ ގަދަކޮށްލައިގެންކަން އެވަގުތު އަހަރެންނަށް ވެސް ވިސްނުނެވެ. މިސްކު ނިދުމުން ޒައިނާގެ ހިތްވަރުން ހިތްވަރު ހޯދައިގެން އަހަރެން ތޮލާލަށް ގުޅީމެވެ.
"މިހާ ވަރަށް ގުޅާއިރު ކީއްތަ ތިކުރަނީ ފޯނު ނުނަގާ."
ރުންކުރު ރާގަކަށް ތޮލާލު އަހާލިއެވެ.
"އަޑު އަހަން މިހުރީ. ތި ކިޔަން އުޅޭ އެއްޗެއް ކިޔާބަލަ"
"މަ ބޭނުމީ ސުދާއާ ބައްދަލު ކުރަން. ބޭރަށް ނުކުމޭ."
"ކޮބާ ބޭނުމަކީ؟ ތޮލާ ބުނިހާ ތަނަކަށް ބުނި ގަނޑިއަކު ދުވުނު ސުދާއެއް ނޫން މީ މިހާރު. ކަލެއާއި ބެހޭ މީހެއް ނޫނޭ މިހާރު މަށަކީ."
"އެކަމަކު މަށާ ބެހޭ ދަރިއަކު ގޮވައިގެންދޯ އައިސް މިތަނަށް ތި ފުންމައިގަތީ."
އަހަރެން ރުންކުރު ރައްދުތަކުން ތޮލާލު ހީވީ ކެކިގެން ދިޔަހެނެވެ.
"ކާކުތަ ބުނީ އެއީ ކަލޭގެ ދަރިއެކޭ. ކަލޭ ހީކުރީ....."
"އޭ މާ ރީތި ވާހަކަ ދައްކާނެކަމެއް ނެތް އިނގޭ... ކަލެއަށް މަމި ދެނީ އެންމެ ފަހު އިންޒާރު. އެއީ މަގޭ ދަރިއެއްކަން އެހެން މީހުނަށް ބޭޒާރު ނުވަނީސް ދޮންބެ ކައިރިން ވަރިވެގެން މިއާއިލާއާ ދުރަށް ރައްކާވެގެން ދާން އުޅޭ. މަ ބުނާ ގޮތް ނަހަދައިފިއްޔާ މަށަށް ވުރެން ނުބައި މީހަކު ކަލެއަކަށް ނުފެންނާނެ މިއުނޑު ދަށަކުން"
އިންޒާރެއް ދިނުމަށްފަހު ތޮލާލު ފޯނު ކަނޑާލައިފިއެވެ. އަހަންނަށް ތޮލާލު ވަރަށް ރަނގަޅަށް އެނގެއެވެ. ކުރަން ހިތު އެޅިކަމެއް އޭނަ ކުރާނެއެވެ. އެކަމުން އެހެން ބަޔަކަށް ލިބިދާނެ ހިތާމަޔަކަށް އޭނަ ނުބަލާނެއެވެ. އަހަރެން ތޮލާލަށް ދެވަނަ ފަހަރަށް ގުޅީމެވެ. ތޮލާލުގެ އެ އިންޒާރުން އަހަރެންގެ ރުޅިގަނޑު އިންތިހާއަށް ގަދަވެއްޖެއެވެ.
އަހަރެން ބޭރަށް ނުކުތީ ތޮލާލު ފޯނު ނުނެގުމުންނެވެ. ގޭތެރެއިން މީހަކު ފެންނަން ނެތްކަން އެއީ އަހަރެންގެ ނަސީބެވެ. އަވަސް ހިނގުމެއްގައި އަހަރެން މަގަށް ނުކުތް އިރު ޖޯލިފަތީގައި ސިގަރެޓް ރޯކޮށްގެން ފޯނަށް ބަލަން ތޮލާލު އޮތެވެ. އަހަރެން ފެނުމާއެކު ތޮލާލު މޫނު އަބުރާލީ އަނެއްފަރާތަށެވެ. "އަހަރެން ކުރިންވެސް ނުދެކެން ކަލެއަށް ވުރެން ނުބައި ދެވަނަ މީހަކު މި އުޑުދަށަކުން. ކަލޭ ލަދެއް ނުގަނޭތަ ކަލޭގެ ދަރިއެކޭ ބުނަން. ކަލޭ ގަދަކަމުން ހިފަހައްޓާފަ އަހަރެންގެ ކަރަށް ބޭސް އެޅީ އެދަރި މަރާލަން. އެހާވަރުން ހިތް ނުފުރިގެން އަހަރެން ހައްދާލައިގެން ކޮޓަރިއަށް ވަދެ ބަނޑުމަތީ ކޮޅުފައިން ތަޅާފަ ކަލޭ ފިލީ."
މީހަކު ފެންނަން ނެތަސް އަހަރެން އެއްޗެހި ކިޔައިގަތީ ދަތްކުނޑިވިކާ ލަމުންނެވެ. އިތުރު މީހަކަށް އަހަރެންގެ އަޑު އިވެން އަހަރެން ބޭނުމެއް ނޫނެވެ.
"މަށާ އެދަރި ނުބެހޭނަމަ ދަރި ގޮވައިގެން މަހޯދައިގެން އައިސް މިތަނަށް ފުއްމާލާނެތަ؟"
"ކައިވެނީގެ ކުރިން ކަލޭ ތީ މިރަށު މީހެއްކަން އެނގުނު ނަމަ އޮޅިގެންވެސް އަހަރެން ނަޒީފްއާ ވައިވެސް ނޭޅޭނަން. އެކަމަކު މިހާރު ކަލޭ ބުނެގެން އަހަރެން ނުޖެހޭނެ މިކައިވެނި ރޫޅާލާކަށް. ކަލޭ އަހަރެންނަށް ދިން އަނިޔާއިން އަދި ކިރިޔާ ސަލާމަތް މިވެވުނީ. މިހާރު މިއީ އެއް އިރެއްގައި ކަލޭ ޖެހިހާ ބެރަކަށް ނެށި ސުދާއެއް ނޫނޭ. އެހެންވީމަ ކަލެއަށް ރަނގަޅު ވާނީ އަހަރެމެންނާ ދުރުގަ ހުރިއްޔާ. އެކަމަކު ތިހެން މަށަށް އިންޒާރުދީ ބިރުދައްކަން އުޅެފިއްޔާ ބޭޒާރުވާނެ މަގު އަމިއްލަ ދެއަތުން ތި ކޮށަނީ."
ހިތުހުރި ހުރިހާ އެއްޗެއް އަހަރެން ގޮވާލިއިރު އަނގައިންވެސް ނުބުނެ ތޮލާލު އޮތެވެ. ތޮލާލަށް އެއްޗެއް ވިސްނުނު ކަމަށް ހީކުރަމުން އަހަރެން އެނބުރި ގެއަށް ވަނުމަށް ހިނގައިގަތީމެވެ.
"އޭރު ސުދާއަށް 18 ފުރިފަ ނެތީމަ އެހެން ހަދަން ޖެހުނީ. ނޫންނަމަ ކައިވެނި ކުރާނީ ސުދާއާ. ދޮންބެއާ އެކު ސުދާ ފެނުނީމަ މަ ވަރަށް ރުޅިގަދަ އެބަވޭ. މަށަށް އެނގޭ ސުދާވެސް މަދެކެ އަދިވެސް ލޯބިވާކަން. ސުދާ މިގެއަށް އައިސް ތިހުރީ އިއްތިފާގަކުންނޭ ބުނީމަ ގަބޫލު ކުރާނީ ސުދާ މަށާއި ހުރެ މޮޔަވެފަ ހުރިވަރު ނޭނގޭ މީހަކު ނަމައެއްނު!. އެހެންވެ ރީތިކޮށް މިބުނަނީ ވަރިވެގެން ދޭ މިތަނުން. ނޫނީ އަތުން ފައިން މަށަށް ގޯހެއް ހެދިދާނެ"
ތޮލާލު ފޯނަށް ބަލަން އޮވެ އަހަންނަށް ޖަވާބުދިނެވެ. ތޮލާލުގެ ވާހަކައިން ރުޅިއައިސްގެން އަހަރެން ހުރެވުނީ ދެބުމަ ގޮށްޖެހިފައެވެ. "ކަލެއަށްޓަކާ ލޯބީގެ ކަންފުޅެއްވެސް އަހަރެން ހިތުގައި އޮތްނަމަ މިގޮތަށް ކަލޭ ކުރިމަތީގަ ބަސްބުނާނެހާ ހިތްވަރެއް ނުހުންނާނެ އަހަރެން ގަޔަކު. ނަޒީފްއާ ބަލާފަ ތީ ހަމަ ސުމެއް."
އަހަރެން ތޮލާލު އެހާ ދައްކޮށްލުމުން ތޮލާލު ބަލާލީ ނަފްރަތުގެ ނަޒަރަކުންނެވެ.
"ކަލޭ އެދުވަހު ކައިވެނި ނުކުރީތީ މިއަދު އަހަރެން އުފާކުރަން. އިތުރަށް ކަލޭގެ އުނދަގު އަހަރެންނަށް ޖެހިއްޖިއްޔާ ހުރިހާ ވާހަކައެއް ނަޒީފަށް ކިޔާދޭނަން. އޭރުން އެނގިދާނެތާ ކަލެއަށް ވާ މޮޅެއް ތިކުޅިވަރު ކުޅެގެން. ހަމަ ހިލާ ކަލެއަށް ނުކެރޭނެ މަށާ ނަޒީފް ވަކިކުރުވާކަށް"
ފަހުބަސް އިއްވާލުމަށްފަހު އަހަރެން ދާން ހިނގައިގަތް އިރު ދެބުމަ ގޮށްޖަހައިގެން ތޮލާލު ބަލަން އޮތެވެ. އައިސްފައި ހުރި ރުޅިން އަހަރެން އެވަގުތު ތޮލާލު ދެކެ ކުޑަކޮށްވެސް ބިރެއް ނުގަތެވެ. ނަމަވެސް ހުޅުވާފައި ހުރި ދޮރާށިން އެތެރެއަށް އެޅި ފިޔަވަޅާއެކު އަހަރެން ދިޔައީ ހުއްޓުން އަރައިގެންނެވެ. ދެލޯ ބޮޑުކޮށްގެން ފާތިމާ ބަލަން ހުރީ އަހަރެންގެ މޫނަށެވެ. އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެކެވުނު ހުރިހާ ވާހަކައެއް ފާތިމާއަށް އަޑު އިވިއްޖެކަން ފާތިމާއަށް ވެފައިހުރި ގޮތުން ރަނގަޅަށް އަހަންނަށް ވިސްނުނެވެ. ބިރުން އަހަރެންގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. އިތުރަށް ފާތިމާގެ ކުރިމަތީ ހުންނަންވެސް އަހަންނަށް ނުކެރުނެވެ. ދުވެފައި ގޮސް އަހަރެން ވަނީ ކޮޓަރިއަށެވެ. ވެގެންދިޔައީ އަހަރެން ހިޔާލަށްވެސް ގެނެވިފައި ނެތް ގޮތެކެވެ. ޒައިނާއަށް ގުޅައިގެން ހުރެ ރުއިން ނޫން ކަމެއް އަހަންނަށް ނުކުރެވުނެވެ. އަހަރެންގެ ހިތަށް ކުޑަވެސް ލުއިކަމެއް ލިބުނީ ޒައިނާ އެތަށް ނަސޭހަތަކާ ހިތްވަރެއް އަހަންނަށް ދިން ފަހުންނެވެ. އެރޭ އަހަންނަށް ނިދުނީ ނަޒީފް ގެއަށް އައުމުން ނަޒީފް މޭގައި ބޯއަޅާލައިގެން އޮއްވައެވެ.
ކަތިލެވުނު އަބުރު އިއާދަ ނުވެ ހޭދަވެގެން ދިޔަ 7 އަހަރު އަހަރެން ނުއުފުލާ ހިތާމައެއް ތަހައްމަލު ނުކުރާ ހިތްދަތިކަމެއް ނޯންނާނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިނިވަންކަމާއި މަޖަލުގައި ދުވަސްތަށް ހޭދަކުރަންވީ އުމުރުގައި އަހަރެން ދުވަން ޖެހުނީ ބަލި ދަރިފުޅު ގޮވައިގެން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށެވެ. ދެމައިން މިހާލަށް ދޫކޮށްނުލުމަށް އެދި ތޮލާލަށް އަހަރެން ފޮނުވި މެސެޖުގެ އަދަދު ހުދު އަހަންނަށްވެސް ނޭނގެއެވެ. އެންމެ ފުރަތަމަ ނަޒީފްއާ އަހަރެން ދިމާވީވެސް އައި.ޖީ.އެމް ތެރެއިންނެވެ. ބަލި ކުއްޖަކާއެކު އަހަރެން ބަލައިގަނެ ލޯތްބާ އަޅާލުން ދީ ދެމައިންނަށް އާ ހަޔާތެއް ނަޒީފް ހޯދައި ދީފިއެވެ. މިއަދު އަހަރެންގެ ހިތާ ފުރާނައިން ނަޒީފް ދެކެ ލޯބިވަމެވެ. ދުނިޔެ އެފުށް މިފުށަށް ޖެހުނު ނަމަވެސް ނަޒީފް ކައިރިން ވަރިވުމަކީ އަހަރެން ކުރާނެކަމެއް ނޫނެވެ.
ދަންވަންދެން ހޭލާ އުޅުމަށްފަހު ޖެހިގެން އައި ދުވަހު އަހަންނަށް ހޭލެވުނީ ހައެއް ޖަހައި ބޮޑުވީ ފަހުންނެވެ. ނަޒީފް އަދި މިސްކު ވެސް ކޮޓަރީގައި ނެތުމުން އަވަސްއަވަހަށް ތެދުވެ ނަމާދުކޮށްގެން އަހަރެން ބޭރަށް ނުކުތީމެވެ. އީދު ދުވަސްކަމުން އަންހެން ވެރިން ބަދިގޭގައި އަތްމަތި އަވަސް ކޮށްލައިގެން އުޅުނުއިރު، ކުދިންތަށް ފެންވަރާ އާ ހެނދުން ލައިގެން ނަމާދަށް ދިއުމަށް ތައްޔާރުވުމުގައި އުޅެމުން ދިޔައެވެ.
"އީދު މުބާރަކު. ދޮންބެ ބުނި ވަރަށް ދަންވި ފަހުންނޯ ދޮންބެދައްތައަށް ނިދުނީ. އެހެންވެ ނުގޮވަން ވެގެން އަހަރުލެމެން ވެސް މިތިބީ" އަހަރެން ފެނުމާއެކު އާޝިއާ ވާހަކަ ދައްކަން ފެށިއެވެ. ހިނިތުންވެލަމުން އަހަރެންވެސް އެމީހުންނާ ބައިވެރިވެ ބަދިގެތެރޭ މަސައްކަތްތައް ނިއްމާލުމަށް އަވަސްވެގަތީމެވެ. "ދޮންބެ ބުނި އީދު ނިންމާގޮތަށް މާލެ ދާ ވާހަކަ. އެކީއްކުރަން އެހާ އަވަހަށް މާލެ ދަނީ."
ކޮށަން އިން މަސްގަނޑުން މަސްކޮޅެއް އަގަޔަށް ލަމުން ރީނާވެސް ބަލާލީ އަހަރެންނަށެވެ. "މާލެ ދާނީ ޗުއްޓި ނިއްމާލާފަ. މިސްކުވެސް ބޭނުމެއްނުވޭ އެކޮޅަށް ދާން."
މާލެ ދިއުމުގެ ހިޔާލު ބަދަލު ވެފައި ހުރުމުން އަހަރެން ބުނެލީމެވެ.
"ސަޅި. މިއަދު ފުރުން އޮތީ 2 ޖަހާއިރު. މޫސުން ވެސް ވަރަށް ރީތި ދުވަހެއް. އަހަރެމެން ދާނީ ބައެއް ކާއެއްޗެހި ހިފައިގެން. ދެން މިރެއަށް ކައްކާނީ އެކޮޅަށް ގޮސް. ދޮންބެ އާ ދޮންތަބެ ހިނގައްޖެ ބޮޑު ސަތަރިއެއް ހޯދާށޭ ކިޔާފަ."
ރީނާގެ ވާހަކައަށް އަހަރެން ބޯ ޖަހާލީ އައިސް ބަދިގެއަށް ވަތް ފާތިމާއަށް ބަލާލަމުންނެވެ. ފާތިމާ ހުރީ މިސްކު ކޮނޑުގައި ހިފާލައިގެނެވެ.
"މާމަ ދިން އީދު ހަދިޔާ"
މިސްކު އަތުގެ އިޝާރާތުން ބުނެލީ އަތުގައި އޮތް ރަތްކުލައިގެ ބޮޑު ބެއަރ ދައްކާލަމުންނެވެ. އަހަންނަށް ފާތިމާއާ ހަތަރުކަޅި ހަމަކޮށްލެވުނީ ހައިރާންވެފައެވެ. ފާތިމާ މޫނު އަބުރާލަމުން ގޮސް ހުއްޓުނީ އުނދުން ކައިރީގައެވެ.
"އެއީ މަންމަ ދިން އެއްޗެއްތަ؟ ބަލާބަލަ މަންމަގެ ހުންނަ މަކަރު. އަހަރެމެންގެ ކުދިންނަށް ދުވަހަކުވެސް އީދު ހަދިޔާއެއް ނުދޭ. އެހެންވެ އަހަރެން ބުނަނީ މަންމަ ދޮންބެ ދޮންފުތު ކުރާ ވާހަކަ."
ހިތުގައި ހަސަދައެއް ނެތި ރީނާ ފަށައިގެންފިއެވެ.
"ކައްކާފަ ކާން މިދެނީ ނޫންތަ. އެވަރު ކުޑައެއް ނުވާނެ"
ފާތިމާވެސް ދުލެއް ނުދިނެވެ. " އާ... އަހަރުމެން މިތިބެނީ ދެފައި ދަމާފަ ނިދަން ވިއްޔާދޯ އިރު އަރާ އޮއްސެންދެން. " ޝަނާ ހީނގަންނަމުން ބުނެލިއެވެ. "ޝަކުވާ ނުކޮށް މަޑުން ތިބެބަލަ. ބަލާބަލަ ކިހާ ލޯބިންތަ ހީނލައިގެން މިކުއްޖާ މިހުންނަނީ. ދޮންތަވެސް އޮންނާނެ ހުރިހާ ކުދިންނަށް ހަދިޔާ ގެނެއްސަ. އީދު ނަމާދުން އައީމަ ހަދިޔާ ލިބޭނީ."
މިސްކު ކޮލުގައި ހިފާލަމުން އާޝިއާ ބުނެލިއެވެ. މިސްކު ބޯ ޖަހާލީ ހީނލަމުންނެވެ. އެއަށްފަހު ދުވެފައި ގޭތެރެއަށް ހިނގައްޖެވެ. ރޭ ފާތިމާގެ ކުރިމައްޗަށް ބޭޒާރުވި ބޮޑު ހަގީގަތަށްފަހު ފާތިމާ ކަންތަށް ކޮށްދާނެ ގޮތަކާއި މެދު އަހަރެންނަށް މި ވީހާއިރު ހުރެވުނީ ބިރުންނެވެ. މައިދައިތައިންގެ ނުބައި ވާހަކަ ނޫން ވާހަކެއް އޭގެ ކުރިން އަހަރެންގެ ކަންފަތަށް އަޑު އިވިފައެއް ނެތެވެ. ނަމަވެސް އަހަރެންގެ މައިދައިތަ އެއާއި ދިމާ އިދިކޮޅުކަން އަހަންނަށް އެނގި ހާމަވިއެވެ. ފާތިމާއަކީ ވެސް ނަޒީފް ފަދަ ވިސްނުން ރަނގަޅު ހިތްހެޔޮ އިންސާނެއްކަން އެނގި ހާމަވުމުން އަހަރެންނަށް ހިތާ ހިތާ ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ.
ބަދިގެތެރޭ މަސައްކަތްތައް ނިއްމާލުމަށްފަހު މިސްކު ފާހަނައަށް ވެއްދުމަށް އަހަރެން ބަދިގެއިން ނުކުތީ އެހެން މީހުންނާއިވެސް އެކުގައެވެ. އެވަގުތު ފެނުނު މަންޒަރަކުން އަހަރެންނަށް ދެބުމަ ގޮށް ޖަހާލެވުނެވެ. ސޯފާގައި އިން ތޮލާލުގެ ފައި ފަލަމަސްގަނޑު މަތީ އިށީނދެލައިގެން މިސްކު އިނީ ހެވިފައެވެ. ތޮލާލުގެ ކޮނޑުގައި ހިފައިގެން މިސްކް އޮތްއިރު ތޮލާލު ހުރީ މިސްކުގެ އަތުގައި ހިފައިގެން ފަރުވާތެރިކަމާއި އެކު މިސްކުގެ އެ އަތަށް ބަލާށެވެ. އެއަތުގެ ނާރުތަށް ބަލަމުން ތޮލާލު ދިޔައީ ކޮންމެވެސް ވާހަކަތަކެއް ދައްކާ މިސްކު ހެއްވަމުންނެވެ. އަހަރެންގެ ހަނދާނާ ކުޅެލީ އަހަރުމެން ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. ތޮލާލަކީ އޭރުވެސް އަތްބަލާ ކަމަށް ހެދިގެން އުޅުނު ހުރިހާ އަންހެން ކުދިން މާ ގަޔާވި މީހެކެވެ. އަހަރެންގެ ހިތް ފަތަހަ ކުރުމަށްވެސް އޭނަ އެންމެ ފުރަތަމަ ހިފީ އަހަރެންގެ އަތުގައެވެ. "ޔަގީން.. 9 ކުދިން. މިހިރީނު. ތިން އަންހެން ކުދިންނާ 6 ފިރިހެން ކުދިން"
ތޮލާލުގެ ވާހަކަ ނިމުނުއިރު ދެއަތާ ބޯ ހަލުވަމުން މިސްކު ތޮލާލާއި ދުރަށް ޖެހިއްޖެއެވެ. މިސްކުގެ މަޖާ އެހަރަކާތުން އެހެން މީހުން ހީނގެންފިއެވެ. ނަމަވެސް އަހަރެންގެ ގާތަށް ހިންޏެއް ނައެވެ. އަހަރެން ބޭނުންވީ ވީ އެންމެ އަވަހަށް މިސްކު ކޮޓަރިއަށް ވައްދާށެވެ.
"އަދި ދައްކަބަލަ... އަދި ނޭނގޭނު އެކުދިންގެ ކިތައް ބައްޕަ ކަމެއް ތިބޭނީ"
މިސްކު ގެންދަން އަހަރެންނަށް ފުރުސަތު ނުދީ ތޮލާލު އަލުން މިސްކު އަތުގައި ހިފައި ކައިރިއަށް ގެންގޮސްފިއެވެ.
"މިސްކު ފެންވަރަން ހިނގާ. މިހާރު މާ ބޮޑަށް ލަސްވެއްޖެ."
އެންމެން ބަލަން ތިބުމުން އަހަރެންނަށް ގަދަކޮށްލާކަށް ނުކެރުނެވެ. "ބަހައްޓަ ބަލަ. ކުޑަބެ ވަރަށް މޮޅުވާނެ އަތްބަލަން"
ޝަނާ ބުނެލިއެވެ. އަހަރެންނަށް މަޖުބޫރުވީ ދުރުގައި ހުންނާށެވެ.
"އެކެއް... އާ.. އެހުރިހާ ކުދިންގެ ބައްޕަ އަކީވެސް ހަމަ އެންމެ މީހެއް."
ވަރަށް ޔަގީން ކަމާއެކު ތޮލާލު ބުނެލިއެވެ.
"ދެން ހިނގާ. ގަނޑި ޖެހެނީ"
ތޮލާލަށް އިތުރު އެއްޗެއް ނުބުނެވެނީސް އަހަރެން މިސްކުގެ އަތުހިގައި ހިފަމުން ހިނގައިގެންފީމެވެ. އަހަރެން ދިޔައިރު ބަލަހައްޓައިގެން ތޮލާލު ހުއްޓެވެ.
ތޮލާލުގެ އުނގަށް އެރި އަތުގައި ހިފާ މާ ގާތްކޮށް ނޫޅުމަށް އަހަރެން މިސްކުއަށް ނަސޭހަތްތެރިވީމެވެ. ނަމަވެސް އެއީ މިސްކުގެ ކުޑަބެއޭ ބުނެ އަހަރެންގެ ވާހަކައަށް މިސްކު ދިނީ ބީރު ކަންފަތެކެވެ.
އެދުވަހު އީދު ނަމާދަށް ދިޔައީ އެންމެން އެކުގައެވެ. އަހަންނަށް އެކަންވީ މުޅިން އާ ތަޖުރިބާއަކަށެވެ. އަހަންނަށް ވުރެން ބޮޑަށް އުފާވެފައި ހުރީ މިސްކުއެވެ. އާއިލާގެ އެންމެންނެކޭ އެއްފަދައިން އެއާއިލާ ދަންނަ އެންމެންވެސް މިސްކުއާ ބައްދަލު ކުރީ ހިނިތުންވީ މޫނަކާއި ގެންނެވެ. މީ އަހަރެން ހުވަފެނަކުންވެސް ނުދެކޭ ފަދަ އުފާވެރި ދުވަހެކެވެ. އަހަރެން ހިނިތުންވެލައިގެން ހުރިތަން ފެނުމުން ނަޒީފްވެސް މިއަދު ހުރީ ހަމަޖެހިފައެވެ. އީދު ނަމާދަށް ފަހު ގޭތެރޭ އާއިލާ ކުދިންނަށް ހަދިޔާ ބެހުން ކުރިއަށް ދިޔަވަގުތު ތޮލާލުވެސް ނުކުމެ ކޮންމެ ކުއްޖަކަށް ޕާރްސަލެއް ދެމުން އައިސް މިސްކުއަށްވީ ޕާރްސަލް މިސްކުއަށް ދިއްކޮށްލިއެވެ. މިސްކު އޭގައި ހިފީ އަތުގެ އިޝާރާތުން ޝުކުރު އަދާކޮށްލަމުންނެވެ. "އީދު މުބާރަކް"
މިސްކު އެހާ ލޯބިން ހިނިތުންވެލުމުން ތޮލާލު މިސްކު ކޮލުގައި ހިފާލީ ނުހަނު ލޯބިންނެވެ.
"މިސްކު އާދެބަލަ.. ބައްޕި އެބަގޮވާ މިސްކުއަށް ހަދިޔާއެއް ދޭން."
އަހަންނަށް ގޮވާލެވުނީ އެމަންޒަރު ދެކެން ކެތްނުކުރެވިގެނެވެ. ތޮލާލު މިސްކުއާ ހަތަރު ކަޅި ހަމަކުރަންވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ކައިރިއަށް އަންނަން މިސްކު ފިޔަވަޅުނެގުމާއިއެކު ތޮލާލު މިސްކު ހިފަހައްޓަމުން މިސްކު ނަގާ އުރާލިއެވެ.
(ނުނިމޭ)