ރައްޔިތުން މަޖިލީސް އެކުލަވާފައި އޮތް ގޮތް ބަދަލުކޮށް، އަށް ގޮނޑި އަންހެނުންނަށް އަދި ދެ ގޮނޑި ނުކުޅެދޭ މީހުންނަށް ހާއްސަ ކުރުމަށް ދަ ޑިމޮކްރެޓްސް ޕާޓީން އިސްލާހެއް ހުށަހަޅައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލިޔާސް ލަބީބް ވިދާޅުވީ، ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުން މަޖިލިސް އެކުލެވިގެންވާގޮތް މުޅި ރާއްޖެ ތަމްސީލް ކުރެވޭނެ ގޮތަށް މެންބަރުން ތިބުމަށް އިސްލާހު ކުރުމުގެ ބިލް މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މިއީ މަޖިލިސްގެ މެންބަރުން އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް އެޅުއްވި ފިޔަވަޅެއްކަން ފާހަގަކޮށް އިލްޔާސް އިތުރަށް ވިދާޅުވީ މަޖިލީހުގައި ޖުމްލަ 86 މެންބަރުން މިހާރުވެސް އެބަ ތިއްބެވި ކަމަށާއި އަންނަ ދައުރުގައި އިތުރު 6 މެންބަރުން އިތުރުވާނެ ކަމަށެވެ. އަދި އެ ޕާޓީން މިހާރު ހުށަހަޅުއްވާފައިވަނީ މެންބަރުންގެ އަދަދު 76 އަށް ދަށް ކުރުމަށް ކަމަށްވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހުގައި އަންހެން މެންބަރުން މަދުކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ، "އުތުރާއި ހުޅަނގާއި ދެކުނު އަދި މެދު، ކޮންމެ ދާއިރާއަކުން ކޮންމެ ސަރަހައްދަކުން އަންހެން ގޮނޑި ރިޒާވް ކުރަން އަންހެނުންނަނަށް އެކަނި ކުރިމަތިލައިގެން އިންތިހާބުކުރެވޭ ގޮތަށް 8 އަންހެން ބޭފުޅުންނަށް ޖާގަ ލިބިގެންދާނެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އިންތިހާބުކުރެވޭ ދެ ފަރާތަކަށް ތަމްސީލްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް" ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން ތިއްބަވާއިރު ކޮންމެ 5,000 މީހަކު ތަމްސީލުކުރާ ގޮތަށް މެންބަރުން އިންތިހާބު ކުރެ އެވެ. އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އިލްޔާސް ވިދާޅުވީ، އެ ޕާޓީން ދެކޭގޮތުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވިޔަ ނުދީ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މަޖިލިސް ބޮޑުވެގެންދާ ކޮންމެ ފަހަރަކު ދައުލަތުގެ ހަރަދު ބޮޑުވެގެންދާ ކަމަށެވެ.