ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފިއެވެ.

އެ މައްސަލަ ބަލައިގެންފައި ވާކަން ސްޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެ މައްސަލަ ސްޕްރީމް ކޯޓަށް މިއަދު ފަތިހުގެ ވަގުތެއްގައި ހުށަހަޅާފައި ވާކަން ފާހަގަ ކުރައްވާ ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ސްޕްރީމް ކޯޓަށް ވަޑައިގަތީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނީ ގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގު ކޮށްގެން ކަމަށް ވެސް މީގެ ކުރިން ޖަމީލު ވިދާޅުވެފައި ވެއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު 9، 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ކޯލިޝާންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތުން ކެންޑިޑެސީ ފައިލްކުރީ އިއްޔެ ހެނދުނު، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މައި މަރުކަޒު ހުންނަ ދަރުބާރުގޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.