ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމިޔަސް މާޔޫސް ނުވާން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުއްވީ މިއަދު ހެނދުނެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އީސީން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް ނިންމާފައެވެ.

ޕީޕީއެމްގެ ސެނެޓް ގްރޫޕަށް އަދުރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެއްވެސް ބޭފުޅަކު އަދި މާޔޫސް ވެވަޑައިނުގަންނަވާތި. އެންމެން އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޔާމީންއާ އެކު ސާބިތުވެ ތިބެންވީ. އޭރުން ކާމިޔާބު ވާނެ،
އަދުރޭ

އެކަމާ ގުޅިގެން ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގު ކޮށްގެން ކަމަށްވެސް ވިދާޅުވިއެެވެ.

ހީކުރި ގޮތަށް އީސީގެ ތެރޭގައި ސަރުކާރުގެ ނުފޫޒް އޮތް މިންވަރަށް ބަލާއިރު މިއީ ހައިރާންވާ ވަރުގެ ކަމެއް ނޫން. ގާނޫނުގައި ވާގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ. IA ހައްގަށް ނަސްރު ލިބޭނެ.
ޖަމީލް

އެކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ސެޕްޓެމްބަރު 9، 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ކޯލިޝާންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނު ނަންބަރު 2008/11 (އިންތިހާބު ތަކާބެހޭ ޢާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑެސީގެ ސައްހަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ވެސް އެޕާޓީން ބުނެއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތުން ކެންޑިޑެސީ ފައިލްކުރީ މިއަދު ހެނދުނު، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މައި މަރުކަޒު ހުންނަ ދަރުބާރުގޭގައެވެ.

ޔާމީންގެ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްމާއީލް ހަބީބު އޭރު ވިދާޅުވީ، 24 ގަޑިއިރުގެ ތެރޭގައި ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތް ނިންމާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތްކުރުމަށް ފަހު ގައެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށާއި، ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްވެ، ޔާމީނަށް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މިހާރުގެ ހާލަތު އޮތް ގޮތުން ނަމަ، ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށް ނިންމުމުންނެވެ. ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދަމަހައްޓައިފި ނަމަ، އެމަނިކުފާނުގެ ބަަދަލުގައި އެހެން ބޭފުޅަކު އިންތިހާބަށް ނެރެން އިދިކޮޅަށް މަޖުބޫރުވާނެއެވެ