ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތުން ކެންޑިޑެސީ ފައިލްކުރީ މިއަދު ހެނދުނު، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މައި މަރުކަޒު ހުންނަ ދަރުބާރުގޭގައެވެ.

ޔާމީންގެ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްމާއީލް ހަބީބު އޭރު ވިދާޅުވީ، 24 ގަޑިއިރުގެ ތެރޭގައި ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތް ނިންމާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތްކުރުމަށް ފަހު ގައެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށާއި، ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްވެ، ޔާމީނަށް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް، އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މިހާރުގެ ހާލަތު އޮތް ގޮތުން ނަމަ، ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށް ނިންމުމުންނެވެ. ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދަމަހައްޓައިފި ނަމަ، އެމަނިކުފާނުގެ ބަަދަލުގައި އެހެން ބޭފުޅަކު އިންތިހާބަށް ނެރެން އިދިކޮޅަށް މަޖުބޫރުވާނެއެވެ.