ބޮކްސާ ތެރެއަށް ލައިގެން ސެންޓުފުޅިއެއް ގެންދަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ޏ. ފުވައްމުލަކު، 29 އަަހަރުގެ ދިވެހި ފިރިހެނަކުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުުރުމުން ކަސްޓޯޑިއަލް ޖަލެއްގައި 10 ދުވަސް ވަންދެން ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އަމުރުގައި ބުނެފައިވަނީ މީނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް މީނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އެކަން ހިނގިގޮތް ކޯޓު އަމުރުގައި ބަޔާންކޮށްފައި ވާއިރު އެ އަމުރުގައި ބުނެފައިވަނީ ބޮކްސާ ތެރެއަށް ލައިގެން ސެންޓުފުޅިއެއް ގެންދަން އުޅެނިކޮށް ހިފަހައްޓާފައި ވަނީ ކަމަށް ހާދިސާ ރިޕޯޓުން އެނގޭ ކަމަށެވެ. އަދި ކޯޓުން ބުނީ އެ މީހާ ހައްޔަރު ކުރެވިފައި ވަނީ ހައްޔަރު ކުރުމުގެ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށާއި ވަކީލަކު ބޭނުން ނުވާ ކަމަށް ބުނި ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވިލާމާޓް ފިހާރައިން ވިއްކާ ދެ ފުޅި ޝޭމްޕޫ ވަގަށް ނެގި މީހަކު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ބަންދަށް ވަނީ ޖަހާފައެވެ. އެކަން ހިނގިގޮތް ކަމަށް ބުނެފައިވަނީ އެ މީހާ މަޖީދީމަގު ވިލާމާޓް ފިހާރައިން ވިއްކާ ދެ ފުށި ޝޭމްޕޫ އޭނާގެ ހެދުމުގެ ތެރެއަށްލާތަން ފެނުމުން ހުއްޓުވާ، ސުވާލު ކުރުމުން އުޅުނީ އަގު ބަލަން ކަމަށް ބުނެފައިވާ ކަމަށެވެ.

ކޯޓުން ބުނީ އެ މީހާ ހައްޔަރު ކުރެވިފައި ވަނީ ހައްޔަރު ކުރުމުގެ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށާއި އޭނާއަކީ މި އަހަރު އެކަނި ވެސް ވައްކަމުގެ ރެކޯޑު ގިނަ މީހެއް ކަމަށެވެ. އެގޮތުން އެކި ފިހާރަތަކުން ވައްކަން ކުރުމާއި ހައްޔަރު ކުރުމާއި ބަންދު ރެކޯޑު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.