ކޮވިޑް-19 ގެ ސަބަބުން ގައުމު ފިތިގެން ދިޔައިރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުން އައީ މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގައި "އަމާން ރާއްޖެ" ނަމުގައި ރައީސް ސޯލިހުގެ 2023 ރިޔާސީ ކެމްޕެއިން އަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ، ކޮވިޑްގެ ދަތި ހާލަތުގައި ވެސް ޓޫރިޒަމް ދާއިރާގެ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދެވުނީ ސަރުކާރުގެ ވިސްނުން ހުރި ގޮތުން ކަމަށާއި އެހެން ނޫންނަމަ ފަތުރުވެރިކަން މިއަދު ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

އެގޮތުން އިންކަމް ސަޕޯޓުގެ ގޮތުގައި 400 މިލިއަން ރުފިޔާ އެތައް ބަޔަކަށް ބެހި ކަމަށާއި އަދި އެކި ވިޔަފާރި ތަކަށް 900 މިލިއަން ރުފިޔާ ދިންއިރު އެސްއެމްއީ ލޯނު ފަދަ ކަންކަން ހިމެނުމުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ކޮވިޑް ތެރޭ ސަރުކާރުން ބަހާލާފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ފޮނި އެއްޗަކުން ނިކުންނާނީ ފޮނި،އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެ ފިތާލީމާ އަންނާނީ ފޮނި، އެހެންވީމާ އަޅުގަނޑުމެން ފިތިގެން ދިޔަ ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ފިތިގެން ދިޔައީ، ފިތިގެން ދިޔަ ވަގުތުގައި ވެސް އެމަނިކުފާނު ގައިން އައީ ކޯޗެއްތޯ، މާމުއި! މީހުންނަށް ދެއްކޭނެ އަދި އުފާވާނެ ކަރަށް ރަހަލާނެ ރީތި މާމުއި އިނގޭތޯ
ސިޔާމް

ސިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑުގެ ހާލަތު މެނޭޖު ކުރީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް މެނޭޖު ކުރެވިފައި ނުވާހާ ފުރިހަމަކޮށް ކަމަށެވެ.

ރާއްޖެއިން ކޮވިޑް19ގެ ހާލަތުގައި ބޯޑަރު ހުޅުވާލައި އަމަލު ކުރި ގޮތުގެ (ރެސިޕީ) ހޯދުމަށް ސީޝަލްސް، ދުބާއީ އަދި އަވަށްޓެރި އިންޑިޔާ އާއި ނޭޕާލް ފަދަ ގައުމުތަކުން ވެސް ގުޅި ކަމަށް ސިޔާމް ފާހަގަ ކުރެއްވިއެވެ.