ކުރިއަށް އޮތް ދައުރުގައި އެއާޕޯޓުގައި އޭޓީއާރު ޖެއްސޭ ވަރު ކޮށް، ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކޮށްދެއްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ވެރިކަން ދިފާއުކުރެއްވުމަށްޓަކައި ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް ފުވައްމުލަކަށް ކެމްޕެއިނަށް ވަޑައިގެން ވިދާޅުވީ، ފުވައްމުލަކަކީ ތަފާތު ހާއްސަ ސިފަތަކެއް އެކުލެވިގެންވާ ރަށެއް ކަމަށާއި، ފަތުރުވެރިކަމާއި ދީނީ އިލްމު ފެތުރުމާއި ވިޔަފާރި އާއި ތައުލީމީ ދާއިރާ ތަރައްގީކޮށް، ގައުމުގެ ތަރައްގީގައި ފުވައްމުލަކުގެ ރައްޔިތުންގެ ހިއްސާ ބޮޑު ކަމަށެވެ.

ކޮންމެ ސަރުކާރަކުން ވެސް ފުވައްމުލަކަށް ކަންކަން ކޮށްދިން ނަމަވެސް، އެ ސިޓީގައި މަޝްރޫއުތައް ހިންގާފައި ވަނީ މަޑުމަޑުން ކަމަށާއި، އެހެންވެ އެ ސިޓީ ތަރައްގީވުން ލަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ދައުރުގައި ހިންގި ބައެއް މަޝްރޫއުތައް ތަފްސީލުކޮށްދެއްވައި، ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާކުރެއްވިއެވެ. ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ރައީސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އޭޓީއާރު ޖެއްސޭ ވަރަށް ފުވައްމުލަކުގެ އެއާޕޯޓު ބޮޑުކުރުން
  • ރައްޔިތުން އެދޭ ގޮތަށް ރަށުގެ ބަނދަރު ބޮޑުކުރުން
  • ސިންތެޓިކް ޓްރެކަކާއި ސްޓޭޑިއަމަކާއި، އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތްކުރުން
  • މަލްޓި ޕާޕަސް އޮފީސް ކޮމްލެކްސް އެއް އިމްރާތްކުރުން
  • ކުޑަކުދިންނަށް ހާއްސަ، 50 އެނދުގެ އާ ހޮސްޕިޓަލެއް އެޅުން

އުފާވެރި އަމާން ރާއްޖެ އެއް ގާއިމްކޮށް ތަރައްގީކުރެވޭނީ ހަލަބޮލިކަން ނައްތާލައިގެން ކަމަށާއި، އެކަން ކުރެވޭނީ ގިނަ ޕާޓީތަކެއް އެކުލެވޭ ސަރުކާރެއް އުފައްދައިގެން ވިދާޅުވާ ވިދާޅުވުން ރައީސް މިރޭ ވެސް ތަކުރާރުކުރެއްވިއެވެ. މި ވާހަކަފުޅަށް ބާރު ދެއްވައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހިޔާލު ތަފާތު މީހުންނާ ގުޅިގެން މަސައްކަތްކުރުމުން އެކަމުގެ ފައިދާ ވާނީ ރައްޔިތުންނަށެވެ.

"ފަހަރުގަ އަޅުގަނޑަށް އޭގެ އެންމެ ރަނގަޅު ފައިދާ ނުވެދާނެ، އެހެން ނަމަވެސް އެ ހިޔާލުތައް އަޑުއަހައި އޭގެން އެންމެ ރަނގަޅު ގޮތް ހޯދައިގެން ކަންކުރީމަ ގިނަ ރައްޔިތުންނަށް އޭގެ ފައިދާ ލިބެމުން ދަނީ،" ރައީސް ވިދާޅުވިއެވެ.

"ހަމައެކަނި އަލުގަނޑުމެން ބޭނުންވާ ގޮތް އެކަނި އެއީ ގިނަ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ، އެހެންނަމަވެސް މި ހިޔާލުތައް އެއްކޮށްގެން ކުރާ ކަމެއް ކުރީމަ، ހިންގާ މަޝްރޫއެއް ހިންގީމަ، ގިނަ ރައްޔިތުންނަށް ގިނަ ރަށްރަށަށް އޭގެ ފައިދާ ކުރާނެ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެއްބުރުން އަދި ސާފު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިރޭ ވެސް ތަކުރާރު ކުރެއްވިއެވެ. އަދި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ކުރިއަށް އޮތް ފަސް އަހަރުގައި ވެސް ފުވައްމުލަކު ތަރައްގީކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް އެ ސިޓީގެ ރައްޔިތުންނަށް ދެއްވިއެވެ.