ރަށުގައި ގެއެއް ހެއްދެވީ ރަށަށް ހިދުމަތް ކުރައްވަން ކަމަށް ނައިބު ރައީސް ފަައިސަަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނާއެކު މިއަދު ފުވައްމުލަކަށް ފައިސަލް ނަސީމް ވަނީ ވަޑައިގެންފައެވެ.

މަރުހަބާ ކިޔަން އެއްވެ ތިބި ފުވައްމުލަކު ރައްޔިތުންނަށް ފައިސަލް ވަނީ ފުވައްމުލަކު ބަހުރުވައިން ވަރަށް ޖޯޝާއެކު ވާހަކަ ދައްކަވާފައެވެ. އެގޮތުން ފައިސަލް ވިދާޅުވީ މިއަދު ބޭނުންވަނީ ޒުވާން ޖީލެއް ކަމަށެވެ. އަދި އެގޮތުގައި ހުރިހާ އެންމެން ވެސް މަސައްކަތް ކުރުމަށް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

ފައިސަލް ވަނީ އެކަން ހާސިލް ކުރުމަށް އެންމެން އެކުގައި ނުކުމެ، އެއްބުރުން ރައީސް ސޯލިހް ހޮވައިދިނުމަށް އެދިވަޑައިގެންފައެވެ.

ފައިސަލް ވިދާޅުވީ އެމަނިކުފާނަށް ވެވަޑައިގެންނެވި ވަރަކުން ރަށުގައި ގެއެއް ހެއްދެވީ ރަށުގައި ހުންނަވައިގެން ރަށަށް ހިދުމަތް ކުރައްވަން ކަމަށާއި އޭގެ އެންމެ މުހިންމު ބޭނުމަކީ ރަށް ދޫކުރައްވާފައި ވަޑައިނުގަތުން ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ވެސް ކުރެއްވީ ރަށް ދެކެ ވެވަޑައިގަންނަވާ ލޯތްބަކުން ރަށުގައި ހުންނަވުމުގެ އަޒުމުގައި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ ރަނިންމޭޓަކު މިހާތަނަށް އިއުލާނު ކޮށްފައި ނުވާއިރު ފައިސަލް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އެކަމުގައި އެހެން ގޮތެއް ރައީސް ނިންމެވުމަކީ އެހެން ކަމެއް ކަމަށް ފައިސަލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.