ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު, މަސްތުވާތަކެތި ވިއްކަވަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުހައްމަދު ނަޝީދު ސީރިޔަސް ތުހުމަތެއް ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ދެއްކެވި ވާހަކަތަކާ ގުޅުވައިގެންނެވެ. ސީއެންއެމްގެ ޓީވީ ޕްރޮގްރާމެއްގައި ދާދިފަހުން ޖާބިރު ދެއްކެވި ވާހަކަގައި ޖާބިރު ވަނީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވިއްޖެނަމަ މެޑިކަލް މަރުވާނާ ރާއްޖޭގައި ވިއްކުމުގެ ލައިސަންސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އެވަހަކަތަކާ ގުޅުވާ ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ތާއިދު ކުރައްވާ ބައިވެރިއެއް ކަމަށްވާ ޖާބިރު މަސްތުވާތަކެތި ފަސޭހަ ކޮށްދެއްވާނެ ވާހަކަ ވިދާޅުވާ ކަމަށާއި އެއީ މަޖަލަކަށް ވެސް ދައްކަވައިގެން ވާނެ ވާހަކައެއް ނޫން ކަމަށެވެ.

އަޅުގަނޑަކަށް ނުފެނޭ މަޖަލަށް ހަދާފައިވެސް މި ބާވަތުގެ ވާހަކަ ދައްކަން، ރައީސް ސޯލިހްވެސް އަތް ޖައްސަންވަންށޭ މި އިންނަނަވަނީ. އެއިކީ މަޖާ ކަމެއް ނޫން، ޖާބިރު އަބަދު ދައްކަވާ ވާހަކަތައްވެސް މަޖަލެއްވެސް ނޫން.
ނަޝީދު

މިކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި އޮޅުން އަރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކަމަށް ތާއިދު ކުރައްވައިގެން އިންނަވާކަން، އެއީ ހަކުރު ވިއްކަން ތާއިދު ކުރައްވައިގެން އިންނަވާކަން، އެއީކީ ބަލައިގަނެވޭނެ ކަމެއް ނޫން.
ނަޝީދު

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރެވޭނެ ގޮތްވެސް ހޯދަން ޖެހޭ ކަމަށާއި މައިންބަފައިންނަށް އެހެން ކުދިންނާ އެކީގައި ދިރިއުޅެވޭނެ ގޮތްވެސް ހޯދަން ޖެހޭ ކަމަށެވެ.

ނަޝިދު، ރައީސް ސޯލިހަށް ތުހުމަތުތައް ކުރެއްވި އިރު މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވެފައި ވަނީ، “ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއް ނުވޭ. އަޅުގަނޑުމެންނަށް އެކަން ދެނެގަނެވެން ޖެހޭނެ،” ކަމަށާއި “އަޅުގަނޑުމެން މި ވިއުގަ އަދި ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާއިރުގައި، އަޅުގަނޑުމެންނަށް އެނގޭ ހަގީގަތްތަކެއް އެބަހުރޭ. އެއީ، އެ ކުދިންނާ އަޅާލަން ޖެހޭނެ” ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އޭޕްރީލް 2018 ގައި ނަޝީދު ވަނީ، ރާއްޖޭގެ ޒުވާނުން މިއަދު ވަނީ "ޑިސްކޯ" ފަދަ މަޖާކުރުން ތަކުން މަހުރޫމުވެފައި ކަމަށާއި ރާއްޖޭގައި އުޅެން ދަތިވެއްޖެ ކަމަށް ގަބޫލު ކުރެވޭ ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

"ކިތަންމެ ޒުވާނެއްގެ ދިރިއުޅުން ވަރަށް އުނދަގޫވެއްޖެ. ރާއްޖޭގައި ވަކިން ހާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ. ޒުވާނުންނަށް ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ،"
ރައީސް ނަޝީދު 2018 ގައި ވިދާޅުވި ވާހަކަ ކޮޅެއް

މީގެ އިތުރުންވެސް ނަޝީދު ވަނީ، "މުނިފޫހިފިލުވުމާއި އުފަލުގައި މަޖާކުރުމާއި އުޅުމުގެ ފުރުސަތުތައް ހޯދައި ދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެ. އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ރާއްޖޭގެ ސިޔާސ ލީޑަރުން ފަހަށް ޖެހިވަޑައިގެން ނުވާނެ،" ކަމަށް ވެސް ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަތަކަށް ތާއިދު ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ނަޝީދު ދެއްކެވީ ޔޯލަ ވާހަކައެއް ނޫން ކަމަށާއި ރައީސް ސޯލިހް ދީނީ ކާޑު ކުޅުއްވައިގެން އަދާލަތު ބޭނުން ކުރާގޮތަށް، މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ވޯޓް ހޯއްދެވުމަށް ވަކި މީހަކު ބޭނުން ކުރައްވާ ކަމަށެވެ.