​​ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލު ގެ ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ބާލީ ދަތުރެއް ދޭން ނިންމައިފިއެވެ.

އުރީދޫން ބުނީ، މިރެއިން ފެށިގެން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4 ކުން 6 އަށް އަދި ރޭގަނޑު 8 ކުން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރު ފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.

ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކަކާއެކު ބާއްވާ މި ކާނިވަލަކީ ކޮންމެ މީހަކަށް ވެސް އުފާވެރި ތަޖުރިބާއެއް ކަށަވަރުކޮށްދޭ ކާނިވަލެއް ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ، މިރޭ 8 ޖަހާއިރު ކާނިވަލް ހުޅުވުމަށް ބޭއްވޭ ރަސްމިއްޔާތާ އެކު ކާނިވަލް ގެ ހަރަކާތްތަކުގައި އެންމެންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

މި ކާނިވަލް ގައި ކުރިއަށްދާ ލަކީޑްރޯ ގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ 7 ދުވަހުގެ ބާލީ ދަތުރުގެ ނަސީބުވެރި ފަރާތަކަށް ވުމަށް ކާނިވާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓާކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ. ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް ހޮވަން ހަމަޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަހު، އޯގަސްޓް 3، 2023 ގައި ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި 1 ފަރާތަށް އުރީދޫއިން ދެ މީހުންގެ 7 ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓް 4 ތަރީގެ އެކޮމޮޑޭޝަން ގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އުބުދުގައި 2 ރޭ، ނޫސާ ޕެނިޑާގައި 2 ރޭ އަދި 2 ރޭ ސެމިނިއާކް ގައި ހިމެނެއިރު މިތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ޓުއާ ގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލާލުމާއި، އުބުދު ސެންޓާ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމާއި، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ޒިޔާރާތްކުރުމާ، އަޓޫ ބީޗަށް ޒިޔާރާތްކުރުން، ޓްރީ ހައުސްއަށް ޒިޔާރަތްކުރުން އަދި ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

​​ހަތް ދުވަހުގެ ބާލީ ދަތުރު ހޯދުމުގެ ފުރުސަތުގެ އިތުރުން، މިނިވަން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލަށް ޒިޔާރަތްކުރުމަށް އުރީދޫން ދައުވަތުދީފައިވާއިރު އުރީދޫން ބުނީ، އުރީދޫ ނޭޝަން ސްޓޯލްގައި ގޭމުކުޅޭ ފަރާތްތަކަށް ޝައުގުވެރި ވާނެފަދަ ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށާއި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.