ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން، އަދި ވަކިން ހާއްސަކޮށް ދިވެހި ޒުވާނުން ގައުމީ ވާޖިބުތައް އަދާކުރުމުގައި، އިހްލާސްތެރިކަމާއެކު، ވަފާތެރިކަން މަތީ ދެމި ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ހިދުމަތްކުރެއްވި ހިދުމަތްތެރިންގެ ގުރުބާނީ އާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން ކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

އެ ބޭފުޅުންނަކީ، ރާއްޖޭގެ ގައުމީ ތަރައްގީގެ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވައި އެ ބޭފުޅުންގެ ހިދުމަތުން މިއަދުގެ ޒުވާން މުވައްޒަފުން، ނަމޫނާ ލިބިގަންނަންޖެހޭ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދައުލަތަށް ހިދުމަތް ކުރުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ގައުމަށް ހިދުމަތްކުރުމަށް ދިވެހި ޒުވާނުންނަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ސަރުކާރުގެ ވަޒީފާތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވައި އެ މުވައްޒަފުންގެ ގައުމީ ވާޖިބުތަކާއި ޒިންމާތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވަޒީފާގައި އެ ޒުވާނުން ހަވާލުވެ އެ ތިއްބަވަނީ ގައުމީ ތަރައްގީގެ މުހިންމު ޒިންމާތަކަކާއި މަތިވެރި ގައުމީ ވާޖިބުތަކެއް އަދާކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާއި ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު ދީފައި ވެއެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު ދީފައިވާއިރު، މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު ވަނީ ދީފައެވެ.