'ދަ ޑިމޮކްރެޓްސް' ގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ދަ ޑިމޮކްރެޓްސްގެ ޓީމް އައްޑޫ އަށް ވަޑައިގަންނަވާއިރު މި ދަތުރުގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި އައްޑޫ ސިޓީގެ އަވަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި އައްޑޫ ސިޓީގައި ގަދަވެފައި ވާއިރު، އެ ސިޓީއަކީ އަބަދުވެސް އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ ސިޓީއެކެވެ. އަދި އެ ސިޓީގައި ޑިމޮކްރެޓްސްގެ ކެމްޕެއިންގެ މާ ބޮޑު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ނުވި ނަމަވެސް އެ ސިޓީގެ ގިނަ އަވަށްތަކުގައި ވަނީ އެ ޕާޓީގެ އޮފީސްތައް ގާއިމު ކޮށްފައެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ އިން އައްޑޫ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިލްޔާސް ވާދަކުރައްވާއިރު އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވަނީ ވޯޓު ދީފައެވެ. ޕްރައިމެރީގެ ނަތީޖާއަށް ފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާ އަދި މާތްﷲގެ އިރާދަފުޅާ އެކު ސެޕްޓެމްބަރު 2023 ގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރައްވާނީ އިލްޔާސް ލަބީބް ކަމަށެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު އުފެދިގެން ދިޔަ ޑިމޮކްރެޓްސް އިން ވާދަކުރާ ފުރަތަމަ އިންތިހާބުގެ ކެންޑިޑޭޓް އިލްޔާސް މީގެކުރިން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ވެވަޑައިގެންފި ނަމަ ކުރިއަށް ވަޑައިގަންނަވާނީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވައިގެން ކަމަށެވެ.