މާލެ ސަރަހައްދުގައި ފެތުރެމުންދާ ރޯގާ ކުއްލިއަކަށް އިތުރުވެފައި ވަނީ ވައިރަސްއެއްގެ ސަބަބުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރޭ ދަންވަރުން ފެށިގެން ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ބޭރަށް ހިނގާ، ހޮޑުލާތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު މާލޭގައި ހިންގާ ގިނަ ހޮސްޕިޓަލްތައް ތޮށްޖެހުމުން ބައެއް ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް އިތުރު ތަންތަންވެސް ހަދާފައި ވެއެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ބުނީ، ރާއްޖޭގައި ހޮޑާއި ބޭރަށް ހިންގުން ފެތުރިގެން އުޅޭތާ ދެ ހަފްތާ ވެފައިވާ ކަަމަށާއި، ކޮންމެ އަހަރެއްގެވެސް ޗުއްޓީ ސީޒަނާ ދިމާކޮށް މި ބަލި ފެތުރޭ ކަމަށެވެ. އެގޮތުން މިއަދު ހެދި އެޕިޑެމިއޮލޮޖިކަލް ތަހުލީލުތައް ދައްކާގޮތުން އެއްފަހަރާ ގިނަބަޔަކަށް މި ބަލި ޖެހިގެން ދިޔައީ ވައިރަހެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިކަން މިގޮތަށް ހިނގާފައި ވާއިރު މިނިވަން ދުވަހާ ގުޅިގެން ރޭ މާލޭގައި ބޭއްވި ފުޅަނދުބުރު ބެލުމަށްވެސް އެތައް ކުޑަކުދިންނާއި މީހުން ވަނީ މަގުމައްޗަށް ގޮސްފައެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ދިމާވީ ރޭ ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކައިގެން ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް އެއީ ކާއެއްޗެހީގެ ސަބަބުން ފެތުރިގެން ދިޔަ ބައްޔެއް ކަމަށް ނުބެލެވޭ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މި ބަލި ކުއްލިއަކަށް ފެތުރެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ދަނޑިވަޅުގައި އާންމުން ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެކަމަށް ފަރުވާ ލިބޭ ބޭހާއި އަދި އެފަދަ އެ ނޫން ވެސް ތަކެތި ރާއްޖެއިން ހުސްވެފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ހެލްތް މިނިސްޓްރީން ދޮގުކޮށް ހެލްތް މިނިސްޓްރީން ބުނީ، ރާއްޖޭގެ އެއްވެސް ހިސާބަކުން އެއްވެސް ކަހަލަ ބޭހެއް ހުސްވެފައި ނުވާ ކަމަށާއި އޯއާރްއެސް ލޮނު ޕެކެޓު ވެސް ހުސްނުވާ ކަމަށެވެ. އަދި ސްޓޮކްގައި 10،000 ވުރެ ގިނަ ޕެކެޓް އެބަހުރި ކަމަށާއި ހުސްވެފައިވާ ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް މިހާރު ފެތުރެމުންދާ ރޯގާއަށް ބޭނުންވާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ވެސް ވަނީ ދީފައެވެ.
މާލެ ސަރަހައްދުގައި މިވަގުތު ރޯގާ ފެތުރޭލެއް ބާރުކަމުން މިރޭ ހުޅުވަން ނިންމި މިނިވަން އުފާ ކާނިވާ ވެސް ފަސްކޮށްފައި ވާއިރު އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނީ، މިނިވަން އުފާ ކާނިވާ ފަސް ކުރަން ނިންމާފައި ވަނީ މިހާރު ފެތުރެމުންދާ ރޯގާ އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ. އަދި ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮންކަހަލަ ވައިރަސްއެއްކަމެއް ނޭންގުނުދޯ