ދަ ޑިމޮކްރަޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކާ ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީ ފެށިގެން ކުރިއަށް އެބަދެއެވެ.
ދަ ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 20 ވަނަ ދުވަހުއެވެ. އެއާއެކު އެ މަގާމަށް ކުރިމަތިލައްވާފއި ވަނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއެވެ. އެހެންކަމުން ޕާޓީގެ އަސާސީ ގަވާއިދު ބުނެފައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން އެއް ކެނޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތި ލާފައި ނުވާނަމަ އެމީހަކު ހޮވާނީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
މިއަދު މެންދުރު 2:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދާއިރު މިއަދުގެ އިންތިހާބު ކުރިއަށްދާ އިރުވެސް ޕާޓީއަށް ސޮއިކޮށް، ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޕާޓީގެ 20 މެމްބަރުން ހަމަވާ ނަމަ އެ ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އެ ޕާޓީން ނިންމާފައިވާއިރު އިންޓަނެޓު މެދުވެރިކޮށް ވެސް ވޯޓު ލުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ރިޔާސީ ޓިކެޓު ކަށަވަރު ކުރުމަށްޓަކައި އިލްޔާސް އަށް ބޭނުންވާނީ މަދުވެގެން 10 ޕަސެންޓް ވޯޓެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.އަދި އިދިކޮޅު ޕީޕީއެމްއިން ނެރެފައިވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީންއެވެ.
ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.