މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގަން ދިމާވި ސަބަބު އަދި ދެނެގަނެފައި ނުވި ނަމަވެސް ކާ އެއްޗަކުން ފެތުރޭ ކަމަށް ނުބެލެވޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޝަތުފާ ޝަފީއު ވިދާޅުވީ ރޯގާ ފެތުރެން މެދުވެރިވާ ސަބަބު ދެނެ ގަތުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ތަހުލީލުތައް ކުރަމުންދާ ކަމަށާއި މިއަދު ހަވީރެއްހާ އިރު އޭގެ ނަތީޖާ ލިބޭނެ ކަމަށެވެ. އަދި ނަތީޖާ ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ދިމާވީ ރޭ ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކައިގެން ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް ޝަތުފާ ވިދާޅުވީ ބަލި ފެތުރެމުން ދަނީ ކާ އެއްޗަކުން ކަމަށް ނުބެލެވޭ ކަމަށެވެ. ބޭރަށް ހިންގުމުގެ ރޯގާ ހަލުވިކޮށް ފެތުރޭ މި ދަނޑި ވަޅުގައި، އެކަމަށް ފަރުވާ ލިބޭ ބޭހާއި އަދި އެފަދަ އެ ނޫން ވެސް ތަކެތި ރާއްޖެއިން ހުސްވެފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ވެސް ދޮގުކުރައްވައި ޝަތުފާ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ހިސާބަކުން އެއްވެސް ކަހަލަ ބޭހެއް ހުސްވެފައި ނުވާ ކަމަށާއި އޯއާރްއެސް ލޮނު ޕެކެޓު ވެސް ހުސްނުވާ ކަމަށެވެ.

ޑޮކްޓަރަށް ދައްކަން އޭޑީކޭ އަށް ގޮސް ތިބި މީހުން

މާލެ ސަރަޙައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެކި ފިހާރަތަކުންނާއި ފާމަސީތަކުން އޯއާރްއެސް ލޮނު ޕެކެޓު ހުސްވި ނަމަވެސް ސްޓޮކްގައި 10،000 ވުރެ ގިނަ ޕެކެޓް އެބަހުރި ކަމަށާއި ހުސްވެފައިވާ ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮޑުލެވުމާއި ބޭރަށް ހިންގުންފަދަ ގިނަ އަލާމަތްތަކެއް ފެންނި، ގިނަ އަދަދެެއްގެ ކުދިންނާއެކު މާލޭގެ ހޮސްޕިޓަލްތައް އެމަޖެންސީ ހާލަތަށް ގޮސްފައި ވާއިރު ބައެއް މީހުން ތުހުމަތު ކުރަނީ މިހާރު ފެތުރެމުން ދާ ވައިރަލް އަކީ، ލައިފް ފެނުން ދިމާވާ ކަމެއް ކަަމަށާއި، ވައިރަލް ފެތުރެމުން ދާތާ ހަފްތާއެއް ވެއްޖެ ކަމަށެވެ. ލައިފް ފެނުގެ ވާހަކަ ފާހަގަ ކުރި ބައެއް މީހުން ވަނީ އެވާހަކަތައް ސޯޝަލްމީޑިއާ ގްރޫޕުތަކުގައި ވެސް ފާހަގަ ކޮށްފައެވެ. ނަމަވެސް އެއީ ލައިފް ފެނުން ވާކަމެއްކަން ނުވަތަ ކޮން ކަމެއްގެ ސަބަބުން ދިމާވާ ކަމެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.