މަސްތުވާތަކެތީގެ މައްސަލަތަކުގައި ސީދާ މަރު ތަންފީޒު ކުރަމުން ދާ ސިންގަޕޫރުގައި 31 ގްރާމުގެ ހެރޮއިން ޓްރެފިކް ކުރުމުގެ ކުށުގައި އުމުރުން 45 އަހަރުގެ އަންހެނަކު ދަންޖައްސާ މަރާލައިފިއެވެ.
ސަރިދޭވީ ބިންޓޭ ދަމާނީ ކިޔާ އުމުރުން 45 އަހަރުގެ އެމީހާ ދަންޖެއްސީ، އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކާއި އޭނާގެ އާއިލާގެ ފަރާތުން އެކަމުގައި ދެކޮޅު ހަދާ އަޑުއުފުލަމުން ދަނިކޮށެވެ.
މިއީ ސިންގަޕޫރުގެ 20 އަހަރުގެ ތާރީހުގައި ޑްރަގްގެ މައްސަލައިގައި އަންހެނަކު ދަންޖެއްސި ފުރަތަމަ ފަހަރުވެސް މެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ، ސިންގަޕޫރުގައި އަމަލު ކުރަމުން ގެންދާ އެ ސިޔާސަތަކީ އިންސާނިއްޔަތާ މުޅިން ހިލާފު ސިޔާސަތެއް ކަމަށާއި އެކަން ހުއްޓުވައި ދިނުމަށް ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް ގޮވާލާކަމަށެވެ.
އދ ގެ އިދާރާއިން ވެސް ވަނީ، ސިންގަޕޫރުގައި ޑްރަގް މައްސަލަތަކުގައި މީހުން މެރުން އިތުރު ވަމުން ދާކަން ފާހަގަ ކޮށް ކަންބޮޑުވާ ކަމަށާއި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖައާ ކުރަން ޖެހޭ ކަމަށް ބުނެފައެވެ.
ދާދިފަހުން ވެސް އުމުރުން 46 އަހަރުގެ ޓެމިލް ދަރިކޮޅުގެ މީހަކު ވަނީ ޑްރަގް މައްސަލައެއްގައި ދަންޖައްސާ މަރާލާފައެވެ.
ހުސްވި އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ޑްރަގް މައްސަލަތަކުގައި ބޭރު މީހުން ހިމެނޭ ގޮތުން ސިންގަޕޫރުގައި 15 މީހަކު ވަނީ ދަންޖައްސާ މަރާލާފައެވެ. މިދިޔަ ބުދަދުވަހުވެސް ވަނީ 50 ގްރާމް ހެރޮއިން ޓްރެފިކް ކުރުމުގެ ކުށުގައި އުމުރުން 57 އަހަރުގެ މީހަކު މަރާލާފައެވެ.